ފާއިތުވި ދެތިން ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެކަމަށް ފަލާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 06:00 އިން ފެށިގެން މެނދުރު 12:00 އާއި ހަމައަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން މ އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. މީގެ އިތުރުންވެސް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ހެނދުނު 7:30 އިން ފެށިގެން 11:30 އާއި ހަމައަށް ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރާ ގޮތުގައި އެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ހުޅަނގު މޫސުން ފެށުނީ މި މަހުގެ ކުރީ ކޮޅުގައެވެ.