މި މަހުގެ ތެރޭގައި ގުޅީފަޅު ގޯތިތަކުގެ ގުރުއަތުލަނީ
ޔޫޝައު ހަސަން | 18 މެއި 2025

ގުޅީފަޅުން ހިއްކައިފައިވާ ބިމުގެ ގުރުއަތުލުން މި މަހުގެ ތެރޭގައި ބާއްވައި ގޯތިތައް ދޭނެ ކަމުގައި ކޮންސްޓްރަކްޝަން، ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ކުރިން އެކުލަވާލައިފައިވާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސް ގެޒެޓްކުރެވުނު އައު ޕްލޭންއާއެކު މިހާރު ހިއްކާފައިވާ ބިމުން އާންމުންނަށް ހުރިހާ ގޯތިތަކެއް ދޫކުރަން ނިންމައި ރެޒިޑެންޝަލް ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް އަލަށް ހިއްކަން ނިންމާފައިވާ ސަރަހައްދަށް ވަނީ ބަދަލުކޮށްފައެވެ.

މި ބަދަލާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، ކުރިން އެކުލަވާލެވުނު ލޭންޑް ޔޫސް ޕްލޭންގައި  މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު މި ސަރުކާރުން އެކުލަވާލެވުނު އައު ޕްލޭންގައި ސަރުކާރުން އިތުރަށް ހިއްކުމަށް ސަރަހައްދުންދެވޭ ގޯތިތައް ހިމަނައިގެން ގޯތިތަކުގެ ގުރުއަތުލުން އަލުން ބޭއްވޭނެކަމަށެވެ.

އެގޮތުން މި މަސްތެރޭގައި ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދައިދޭން ފެށިގެންދާނެ ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް