ދިވެހިރާއްޖެއިން އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)އަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް އިރުތިޝާމް އާދަމް އައްޔަން ކުރައްވައިފިއެވެ.
އައިއެމްއޯ)އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު އަދި ހައި ކޮމިޝަނަރުގެ މަގާމަށް އިރުތިޝާމް އައްޔަންކުރައްވައި އެކަމަނާ ވަނީ މަޤާމުގެ ފަތްކޮޅު އައިއެމްއޯގެ ސެކެޓްރީ ޖެނެރަލް އާސެނިއޯ އެންޓޯނިއޯ ޑޮމިންގުއެޒް ވެލަސްކޯއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށް ދިޔައީ އައިއެމްއޯގެ މައި މަރުކަޒުގައި މިއަދު ހެނދުނުއެވެ. މި ރަސްމިޔާތުގައި އިރުތިޝާމް ވަނީ އެ ޖަމިއްޔާއެކު ގުޅުން ބަދަހިކުރުމަށާއި އެ ޖަމްޢިއްޔާގެ އިސްނެގުންތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ކަންކަމުގައި ޤާބިލުކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އައިއެމްއޯގެ ސެކެޓްރީ ޖެނެރަލް އާސެނިއޯ އެންޓޯނިއޯއަށް އަރުވައިފައެވެ.
އައިއެމްއޯއަކީ މާރިޗު 17، 1948 ގައި އުފެދުނު، އދ. ގެ ޚާއްޞަ އޭޖެންސީއެކެވެ. މި ޖަމްޢިއްޔާގެ މަސްއޫލިއްޔަތަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމާއި،އުޅަނދުފަހަރުން ކުރާ ކަނޑާއި ޖައްވުގެ ތަޣައްޔަރުކަން ހުއްޓުވުމެވެ.