ރާއްޖެ ގެނައި އީރާންގެ ކޯޗް، ވަސީލަތްތައް ނެތް ކަމަށްބުނެ އެނބުރި ގައުމަށް!
ޔޫޝައު ހަސަން | 15 މެއި 2025

އެފްއައިވީބީގެ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ އެހީގައި އެ އިދާރާއިން މުސާރާ ދޭގޮތަށް ރާއްޖެ ގެނައި އީރާންގެ ތަޖްރިބާކާރު ކޯޗް  އަރޫޖީ، ރާއްޖޭގައި ވޮލީ ކުރިއަރުވަން ބޭނުންވާ ވަސީލަތްތައް ނެތްކަމަށް ބުނެ ރާއްޖެޓީމު ދޫކޮށްލައި އެނބުރި ގައުމަށް ގޮއްސިއެވެ.

އަށް މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ ސީނައަރ ޓީމަށް ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށްޓަލައި 23 އަހަރުން ދަށުގެ ފިރިހެން ޓީމަށް ކޯޗް ކޮށްދިނުމަށް ގެނައި  އަރޫޖީއަކީ އީރާންގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗު ކޮށްދީ ކާމިޔާބު ހޯދައިދީފައިވާ އަދި ބަންގްލަދޭޝްގެވެސް ގައުމީ ޓީމަށް ކޯޗްކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

ރާއްޖެއިން ފުރަމުން އަރޫޖީ ބުނެފައިވަނީ އޭނާ ރާއްޖެ އައިސްފައިވަނީ އެންމެ ޒަމާނީ ވޮލީ ދަސްކޮށްދިނުމަށް ކަމަށާއި އެހެން ނަމަވެސް އެ ވަސީލަތްތައް ރާއްޖޭގައި ގާއިމްވެ ނެތް ކަމަށެވެ.

އަރުޖީ ބުނީ އޭނާ ރާއްޖެ އައިސް މަސައްކަތް ފެށި ފުރަތަމަ ދުވަސްކޮޅު އެ ހޯލްގައި ޕްރެކްޓިސް ކުރެވުނު ކަމަށެވެ. އެ ހޯލްގެ ފެންވަރާ މެދު އޭނާ ހިތްހަމަޖެހޭކަމަށެވެ. އެހެން ނަމަވެސް ފަހުން އިންޑޯ ނުލިބި އައުޓްޑޯއަށް ޕްރެކްޓިސްތައް ބަދަލުކުރަން ޖެހުނު ކަމަށާއި އައުޓްޑޯގައި ޕްރެކްޓިސްކޮށްގެން ޒަމާނީ ފެންވަރަށް ރާއްޖޭގެ ވޮލީ ކުރިއަށް ނުޖެއްސޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް