އ. މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރާނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން އިއުލާނުކޮށްފައިވަނީ އއ. މަތިވެރީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް ނުވަތަ ތަރައްގީކުރުމަށް ފައިނޭންސްކުރުމަށް، މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށްދެވޭ ޝަރުތުހަމަވާ ފަރާތެއް ހޯދުމަށެވެ. އެގޮތުން ހައުސިންގް މިނިސްޓްރީން ވަނީ މަސައްކަތަށް، ”އެކްސްޕްރެޝަން އޮފް އިންޓްރެސްޓް“ (އީއޯއައި) ހުށަހެޅުމުގެ ދައުވަތު ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލައިފިއެވެ.
ހަމައެޔާއެކު މަސައްކަތާއި ގުޅޭ މައުލޫމާތު ހިމެނޭ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޖޫން ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން، ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
އއ މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްގީކުރުމަކީ 2025 އޭޕްރީލް 1 ވަނަ ދުވަހު ނެރުނު ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 9/2025 ގެ ދަށުން އެއަރޕޯޓް އެޅުމަށް އިއުލާން ކުރެވުނު ރަށްރަށުގެ ތެރޭގައި ހިމެނޭ އެއަރޕޯޓެކެވެ.