މިދިޔަ ސަރުކާރުން އިންދިޔާ މެދުވެރިކޮށް ނެގި 150 މިލިޔަން ޑޮލަރުގެ ލޯނުގެ ތެރެއިން ނުދެއްކި ބާކީއޮތް 50 މިލިޔަން ޑޮލަރު އަދާކުރުން ދެވަނަ ފަހަރަށް ފަސްކޮށްދީފައިވާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއިން ދައްކަންޖެހޭ ލޯނު އެއް އަހަރު ދުވަހަށް ފަސްކޮށްދިން އިރު އަނެއްކާވެސް މި އަހަރުވެސް އެ ލޯނު އަދާކުރުން އެ ގައުމުން ފަސްކޮށްދީފައިވާކަމަށެވެ.
މިދިޔަ ސަރުކާރުގައި ނެގި ޖުމުލަ 200 މިލިޔަން ޑޮލަރުގެ ތެރެއިން 50 މިލިޔަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ 150 މިލިޔަން ޑޮލަރުގެ ތެރެއިން 50 މިލިޔަން ޑޮލަރު 50 މި ސަރުކާރުގެ ކުރީކޮޅުގައި އަދާކުރިއެވެ. ބާކީ 100 މިލިޔަން ޑޮލަރުގެ ތެރެއިން މިދިޔަ މެއި މަހުވެސް ވަނީ 50 މިލިޔަން ދެއްކުން ފަސްކޮށްދީފައެވެ. އަދި މި އަހަރުގެ 50 މިލިޔަން ޑޮލަރުވެސް ދެއްކުން ވަނީ ފަސްކޮށްދީފައެވެ. ބާކީ 100 މިލިއަން ޑޮލަރު އަދިވެސް ދައްކަން އެބައޮތެވެ.
އެސްބީއައި އަށް ވިއްކާފައިވާ ޓީބިލުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައްކަން ޖެހުނު 50 މިލިއަން ޑޮލަރު ވެސް އިންޑިއާއިން ވަނީ އެއް އަހަރު ދުވަހަށް ފަސްކޮށްދީފައެވެ. އެ 50 މިލިއަން ޑޮލަރު ދައްކަން ދެން ޖެހޭނީ އަންނަ ސެޕްޓެމްބަރުގައެވެ.