ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ފިޒިއޯ ކްލިނިކް ވަގުތީގޮތުން ބަންދުކޮށްފި
ޔޫޝައު ހަސަން | 12 މެއި 2025

ތެރަޕީއަށް ދިޔަ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ހުޅުމާލޭގައި ހުންނަ ފިޒިއޯ ކްލިނިކްގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް އެ ކްލިނިކް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ތެރަޕީއަށް ދިޔަ ކުއްޖަކަށް އެތަނުގެ ތެރަޕިސްޓަކުން ޖިސްމާނީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ މީސް މީީޑިޔާގައި ދައުރުވާން ފެށުމާއި ގުޅިގެންނެވެ.

އެ ވީޑިއޯގައިވަނީ އެ ކުއްޖާ ހިފެހެއްޓުމުގެ ތެރޭގައި އޭނާގެ އަތަށް ލިބުނު ކަމަށް ބެލެވޭ އަނިޔާގެ މަންޒަރު ވެސް ދައްކައިފައެވެ.

މި މައްސަލަ ސަމާލުކަމަށް އައުމާއެކު ފުލުހުންވެސް އެ މައްސަލަ ތަހުގީގުކުރަން ފަށައިފައިވަނިކޮށް ފިޒިއޯ ކްލިނިކުން އިއްޔެ ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އެ ބަޔާނުގައި އެ ކްލިނިކުން ވަނީ، އެ ކްލިނިކްގެ މުވައްޒަފުގެ ފަރާތުން ފެނިފައިވާ އަމަލުތައް ބަލައިނުގަނެވޭކަމަށާއި އެއީ އެ ކްލިނިކުން ދަމަހައްޓާ މިންގަނޑުތަކާ މުޅިން ޚިލާފު އަމަލުތައް ކަމަށްބުނެ އެކަން ކުށްްވެރިކޮށްފައެވެ.

އެގޮތުން އެ މައްސަލަ ސަމާލުކަމަށް އައުމާއެކު ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަަލައި ކަމާ ގުޅުންހުރި ސީސީޓީވީ ފުޓެޖް ހަވާލުކޮށްފައި ވާކަމަށް އެ ބަޔާނުގައި ބުނެފައިވާއިރު އެ ކްލިނިކުން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރި، އިޙުތިރާމު ލިބިދެވޭ މާހައުލެއް ގާއިމުކުރުމަށް ކަމަށް ފިޒިއޯ ކްލިނިކްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި  މައްސަލައިގެ ސީރިއަސްކަމަށް ބަލައި، ފިޒިއޯ ކްލިނިކްގެ އިމާރާތް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފައިވާ ކަމަށް ވެސް އެ ކްލިނިކުންވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް