ކިޔަވާކުދިންނަށް ހާއްސަކޮށްގެން ސްޓޫޑަންޓް ޑެބިޓް ކާޑުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑެބިޓްކާޑެއް ތައާރްފްކޮށްފިއެވެ.
މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ތައާރަފްކުރި މި ކާޑު ބޭނުންކޮށްގެން ފައިސާ ހަރަދުކުރުމުގައި ޒިންމާދާރުވުމަށާއި މާލީ މިނިވަންކަން ދަސްވެގެންދާނެއެވެ.
7 އަހަރުން މަތީގެ ކުދިންނަށް ބޭނުންކުރެވޭހެން ތައާރަފްކުރި މި ކާޑުން ބެލެނިވެރިންނަށް އެ ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި ހަރަދުކުރުމުގައި އިރުޝާދުދީ ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ކަމަށް ބީއެލްއެމްއިން ހާމަކުރެއެވެ.
އެ ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ އެ ކާޑުން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި އެ ކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
ހަމައެޔާއެކު މި ކާޑުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމްޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.