މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫންކަމަށް އޭނާ ބުނެފިކަމުގައި ޔުމްނުގެ އާއިލާއިން ހާމަކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ޔުމްނުގެ އާއިލާގެ ފަރާތުން ފުރަތަމަ ފަހަރަށް މީޑިއާތަކަށް ފުރަތަމަ ފަހަރަށް ދޫކޮށްލި އިންޓަރވިއު އެއްގައި ޔުމްނުގެ ދައްތަ ބުނެފައިވަނީ، ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ޔުމްނު އަމިއްލައަށް ނުވެއްޓެންކަމުގައި ޔުމްނު ބުނެފައިވާކަމަށާއި އަދި އެ ހާދިސާ ހިނގި އިރު ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނިކަމަށެވެ.
އެގޮތުން ކުރިންވެސް އެގެޔަށް ޔުމްނު ގޮސް އުޅުނުކަމަށް ޔުމްނު ބުނިކަން ހާމަކޮށް އޭނާގެ ދައްތަ ބުނެފައިވަނީ، ވެއްޓުނު ރޭ، ޔުމްނު އެ ގެއަށް ދިއުމަށް ދައުވަތު ދިނީ މި މައްސަލައިގައި ތުހުމަތުކުރާ ނުވަ މީހުންގެ ތެރޭ ހިމެނޭ، ހ. މީނާޒް ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށް ޔުމްނު ބުނެފައިވާކަމަށެވެ.
މީގެ އިތުރުން މި މައްސަލަ ތަހުގީގުކުރުމަށް ރައީސްގެ ގަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ފަރާތުން މިހާތަނަށް އެ މައްސަލައާއި ގުޅިގެން ޔުމްނުއާއިވެސް އަދި އާއިލާއާއިވެސް އެއްވެސް ސުވާލެއްކޮށްފައި ނުވާކަން ހާމަކޮށް ޔުމްނުގެ އާއިލާއިން ވަނީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އަދި ޔުމްނު ވައްޓާލުމުގައި ބައިވެރިވި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.