ކުށާއި ދަރަނީގެ ރިކޯޑް ސާފުކުރާ ލިޔުން އީފާސް މެދުވެރިކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
އެ އިދާރާއިން މިފަދައިން ނިންމާފައި ވަނީ ކުށާއި ދަރަނީގެ ރެކޯޑް ސާފުކޮށްދިނުމުގެ ހިދުމަތް ހޯދައި ފަރާތްތަކަށް އެ ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން ކަމަށް ޑީޖޭއޭ އިން ބުނެފައި ވާއިރު، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅަން ޖެހޭނީ ޑީޖޭއޭގެ ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ކަމުގައި ޑީޖޭއޭއިން ބުނެއެވެ.
އީފާސްމެދުވެރިކޮށް މި ހިދުމަތް ދޭން ފެށި ނަމަވެސް ދައުލަތުގެ އޮފީސްތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ލިސްޓުތަކާއި ކުންފުނިތަކުން ރިކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ކުރިއެކޭ ވެސް އެއްގޮތަށް ކަމަށް އެ އިދާރާން ވަނީ ހާމަކޮށްފައެވެ.