ހުޅުމާލެ ހިއްކައި އެ ރަށުގައި މީހުން އާބާދުކުރިތަނަށް 21 އަހަރު ފުރުމާއި ގުޅިގެން އެކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އާއިލީ ކާނިވަލެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަބް (އެޗްޑީސީ)އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް ގުޅިގެން ކުރިއަށް ގެންދާ މި ކާނިވަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައެވެ.
އެގޮތުން މިކާނިވަލުގައި ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެގެން މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިންތިޒާމުތައް ހަމަޖެހި ކުޑަކުދިންނަށް ޚާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތައް ހުންނާނެ ކަމަށާއި އާއިލާ އެންމެންނަށް އިވެންޓުގެ ތެރެއިން 360° ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ބެހެއްޓިފައި ހުންނާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
މި ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އުރީދޫގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައި ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާ އެކު ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އަދި އަހަރީ ދުވަހުގެ ހަރަކާތްތައް އެއް ހަފްތާއަށް ދިގުދެމިގެން ދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.