2001 ވަނަ އަހަރު އެކުލަވާލައިފައިވާ މަދަނީ ދަތުރުފަތުރުގެ ގާނޫނު ޒަމާނީގޮތަށް އަލުން އެލުލަވައިލުމަށް ރައްޔިތުންގެ މަޖިލިހަސް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ހުށަހެޅި މި ބިލުގެ މަގްސަދަކީ ކުރިން އެކުލަވާލައިފައި އޮތް ގާނޫނުގެ ބަދަލުގައި ޒަމާނާ އެކަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒު ކުރުމަށް ޓަކައި ތައާރަފުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ތައާރަފު ކުރުން ކަމުގައި އެ ބިލުގައިވެއެވެ.
އެގޮތުން މި ގާނޫނު ފާސްކޮށް އަމަލުކުރަން ފަށާ ހިސާބުން ”މޯލްޑިވްސް އެއަރ އެކްސިޑެންޓްސް އިންވެސްޓިގޭޝަން އެޖެންސީ“ ގެ ނަމުގައި އެޖެންސީއެއް އެކުލަވާލެވި ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތަކާއި ސީރިއަސް އިންސިޑެންޓްތަކާ ގުޅޭ މައްސަލަތައް ބަލައިގަތުމާއި ތަހުގީގުކުރުމާއި، ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅޭ މައުލޫމާތު އާންމުކުރުން އެ ތަނުގެ ދަށުން ކުރިއަށް ގެންދާނެ ކަމުގައިވެސް އެ ބިލުގައި ވެއެވެ.
މީގެ އިތުރުން، ބިލުގައި ވައިގެ ބަނދަރުތައް ތަރައްގީކުރުމާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވާލުމަށް ލާޒިމުކޮށްފައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ”އެއަރޕޯޓް ޑިވެލޮޕްމެންޓް އޯވަރސައިޓް ކައުންސިލް“ ގެ ނަމުގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އެކުލަވާލަންޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ކައުންސިލުން ވައިގެ ބަނދަރުތަކުގެ މާސްޓަރޕްލޭން އެކުލަވާލައި، ކޮންމެ 5 އަހަރަކުން އެއްފަހަރު މުރާޖައާކުރަންޖެހޭނެއެވެ.