ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި ކުރިއަށް ގައުމީ ވޮލީ ބޯޅަ މުބާރާތުގެ ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް ގައުމީ މުބާރާތުގެ ތަށި ވިދިވިދިގެން 4 ވަނަ ފަހަރަށް ވެމްކޯއިން ހޯދައިފިއެވެ.
ރޭގެ ފައިނަލް މެޗްގެ ފުރަތަމަ ސެޓްގައި ވެމްކޯއިން ލީޑެއް ނަގައިގެން ކުޅެމުން އަންނަނިކޮށް ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް ކުޅުން އިތުރަށް ވަރުގަދަކޮށް، އެ ސެޓް ޕޮލިހުން ގެނައީ 25 – 23 އިންނެވެ.
އަދި ދެވަނަ ސެޓްގެ ވެސް ކުރީ ކޮޅުގައި ފުރަތަމަ ސެޓްގެ ކުޅުން ތަކުރާރުކޮށް ލީޑެއް ނަގައިގެން ކުޅެމުން އަންނަނިކޮށް ވެމްކޯއިން ވަނީ މެޗްގެ ތެރެއަށް އަލުން ވަދެ އެ ޓީމުގެ ތައިލޭންޑް ކުޅުންތެރިޔާ ޕަޓިޔާއާއި ޖޫޒާންގެ މޮޅު ކުޅުމާއެކު އެ ސެޓް 25 – 22 އިން ގެނެއްސައެވެ.
ތިން ވަނަ ސެޓްގެވެސް މެދަކާއި ހަމައަށް ލީޑުގައި އޮވެގެން ކުޅުނީ ވެމްކޯއެވެ. އެހެން ނަމަވެސް ސެޓްގެ ފަހުކޮޅު އެންމެ އެދެވޭ ގޮތަށް ޕޮއިންޓެއް ނުހޯދުމުގެ ފައިދާ ނަގައި ސެޓް ޕޮލިހުން ގެނައީ 25 – 23 އިންނެވެ.
ފާއިތުވި ތިން އަހަރުގެ ޗެމްޕިއަންގެ ގޮތުގައި އޮތް އޮތުން ތަކުރާރުކުރުމަށް ވެމްކޯއަށް އޮތް ހަމައެކަނި ފުރުސަތަކީ 4 ވަނަ ސެޓް ކާމިޔާބުކޮށް ނަތީޖާ ނެރުމަށް 5 ވަނަ ސެޓެއް ކުޅުމެވެ. އެއާއެކު 4 ވަނަ ސެޓްގައި ވެމްކޯ ފެނިގެން ދިޔައީ ވަރުގަދަކޮށެވެ.
ހާއްސަކޮށް އެ ޓީމުގެ ޑިފެންސް ލައިން ވަރަށް ވަރުގަދަކޮށް ފެނުންކަން ފާހަގަކޮށްލެވެއެވެ.
އެ ސެޓް 25 – 18 އިން ގެނައީ ވެމްކޯއެވެ.
ނަތީޖާ ނެރުމަށް ކުޅުނު 5 ވަނަ ސެޓްގައި ވެމްކޯ ވަރަށް ވަރުގަދަކޮށް ފެނުނު ޕޮލިސްޓީމުގެ ފަރާތުން އެ ސެޓްގައި ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެއާއެކު އިތުބާރާއެކު ކުޅެ، 15 – 8 އިން ސެޓް ނަގައި މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯއިން ނެގިއެވެ.
ރޭގެ ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ވެމްކޯއަށް ކުޅޭ ތައިލޭންޓްގެ ކުޅުންތެރިޔާ ނޮކިޔުން އެވެ.
ރޭގެ މެޗަށްފަހު މުބާރާތުގެ ޑްރީމްޓީމަށާއި ތިންވަނަ ޓީމުގެ އިތުރުން ރަނަރަޕް ޓީމާއި ޗެމްޕިއަން ޓީމަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.
މުބާރާތުގެ ޑްރީމް ޓީމް
މޯސްޓް ވެލިއުވެބަލް ޕްލެޔަރސް:
ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 11 ފާތިމަތު ޖޫޒާން ޒަރީރު
ޕޮލިސް ކްލަބް ޖަރސީ ނަމްބަރ 07 އާމިނަތު އަރީޝާ
ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 10 އާއިޝަތު މާޖިދާ
މޯސްޓް ވެލިއުވެބަލް ފޮރިން ޕްލެޔަރސް:
ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 7 ޕަޓިޔާ
ޕޮލިސް ކްލަބް ޖަރސީ ނަމްބަރ 2 ގްރެޒިލް
ހުރާ ކޮމިއުނިޓީ ކްލަބް ޖަރސީ ނަމްބަރ 4 ވެރޯނިކާ
ބެސްޓް ކޯޗް: ވެމްކޯގެ އަހްމަދު އަދީލް
މޯސްޓް ޕްރޮމިސިންގ ޕްލެޔަރސް: ހުރާ ކޮމިއުނިޓީ ކްލަބްގެ ފާތިމަތު ނަސްމާ
މުބާރާތުގެ ތިން ވަނަ ޓީމަކީ ހުރާ ކޮމިއުނިޓީ ކްލަބެވެ.