ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަނީ
ޔޫޝައު ހަސަން | 03 މެއި 2025

ގާނޫނު އަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމަށްޓަކައި މި އަހަރުގެ ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިތުރު 30 ބިލެއް ފޮނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ގާނޫނު އަސާސީއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ގިނަވެގެން ހަރަދު ކުރެވޭ މިންވަރެއް ކަނޑައެޅުމެވެ. މި ބަދަލުގެ ދަށުން ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭނީ ގިނަ ވެގެން ކިހާ މިންވަރެއްކަން ގާނޫނުގައި ބަޔާންކުރެވިގެން ދާނެ ކަމަށާއި އެންމެ ގިނަ ވެގެން ބަޔާން ކުރެވޭނެ ސިޔާސީ މަގާމުގެ އަދަދު މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނަށް ބަދަލު ގެނެވިގެން ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ގާގޫނަށް ގެނައުމަށް ނިންމާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:

  • ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީ ބޭއްވުން
  • ރިޔާސީ އިންތިޚާބު ’ޕްރިފަރެންޝަން ވޯޓިން‘ ނިޒާމަށް ބަދަލުކޮށް، އިންތިޚާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ހަމަޖެއްސުން
  • ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެންބަރު ކަމުގައި ކަނޑައެޅުން
  • މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް، 93ގައި ހިފެހެއްޓުން
  • ’ރިކޯލް ވޯޓް’އެއް ނަގައި، ވަކިކުރަން ފާސްވެއްޖެނަމަ، އިންތިޚާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފުކުރުން
  • އަތޮޅު ކައުންސިލްތައް އުވާލުން
ގުޅުންހުރި ލިޔުންތައް