ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ނޫސްވެރިންނަކީވެސް ތެދު މައުލޫމާތު ފަތުރައި އެފަރާތްތަކުގެ އަހުލާގު ނެގެހެއްޓުން މުހިއްމު ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެމަނިކުފާނުގެ މެސެޖްގައި ވިދާޅުވީ، ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، އަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި އެމަނިކުފާނު ހުންނެވީ މީޑިއާގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ އަޒުމުފުޅުގައި ކަމަށެވެ.
އެގޮތުން، ނޫސްވެރިކަމުގެ އަހުލާގު ނަގަހައްޓައި، މުއުތަބަރު މައުލޫމާތު ދައުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އެމަނިކުފާނު މިނިވަން ނޫސްވެރިކަން ސިފަކުރައްވާފައި ވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށް ފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގައެވެ.
ކޮންމެ އަހަރެއްގެެވެސް މެއި މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއަރަކީ ”ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،“ މިއެވެ.