ގައުމީ ވޮލީބޯޅަ މުބާރާތް – ފެލްކްސޯ ކަޓުވާލުމަށްފަހު ހުރާ ސެމީއަށް!
ޔޫޝައު ހަސަން | 02 މެއި 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ގައުމީ ވޮލީބޯޅަ މުބާރާތުގެ ގްރޫޕް ބުުރުގެ ފަހު މެޗުގައި ފަސޭހަކަމާއެކު ފެލްކްސޯ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ހުރާ ކޮމިއުނިޓީ ކްލަބު ދަތުރުކޮށްފިއެވެ.

އިއްޔެ ހަވީރު މެޗަށް ނިކުތް އިރު ދެޓީމަށްވެސް މުބާރާތުގެ ސެމީއަށް ދަތުރުކުރުމަށް އޮތް ހަމައެކަނި ފުރުސަތަކީ މެޗުން މޮޅުވުމެވެ. އިއްޔެގެ މެޗް ހުރާ ޓީމުން ގެނައީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އިއްޔެ މެޗަކީ މިހާތަނަށް މި އަހަރުގެ ވޮލީ ސީޒަންގައި ހުރާގެ އަސްލު ފޯމުގައި އެންމެ މޮޅަށް ކުޅުނު މެޗްކަންވެސް ފާހަގަކޮށްލެވެއެވެ. މެޗްގެ ސެޓްތައް ހުރާއިން ގެނައީ، 25 – 19 25 – 10 އަދި 25 – 13 އިންނެވެ.

ފްލެކްސޯ އަދި ހުރާ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރާ ކޮމިއުނިޓީ ކްލަބްގެ ރަޝިޔާއަށް ނިސްބަތްވާ ކުޅުންތެރިޔާ ވެރޯނިކާއެވެ.

މުބާރާތުގެ އެހެން މެޗްތަކާއި ބަލާއިރު އިއްޔެގެ މެޗްގައި ފްލެކްސޯއިން ފެނިގެން ގޮއްސައި ވަނީ ދަށްކޮށްވެސް މެއެވެ. އެގޮތުން ގިނަ ގޯސްތަކެއް ހެދުމުގެ އިތުރުން އެޓީމުން ގޭމްގެ ތެރެއަށް ވަނުމަށް އުފެއްދި ގިނަ އެޓޭކްތަކެއް ހުރާ ޓީމުން ވަނީ ދިފާއުކޮށް ރައްދު އެޓޭކްތަކުން ޕޮއިންޓްތައް ނަގައިފައެވެ.

ފްލެކްސޯ އަދި ހުރާ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ގައުމީ މުބާރާތަށް ކޮލިފައިވެފައި ވަނީ މިދިޔަ ގައުމީ ލީގުގެ ގަދަ 4 ޓީމެވެ. އެއީ ލީގު ޗެމްޕިއަން ޕޮލިހުގެ އިތުރުން 2 ވަނަ ޓީމުގެ ގޮތުގައި ވެމްކޯ އަދި ތިންވަނަ ޓީމުގެ ގޮތުގައި ހުރާ ކޮމިއުނިޓީ ކްލަބް އަދި ހަތަރުވަނަ ޓީމުގެ ގޮތުގައި ފްލެކްސޯ ސްޕޯޓްސް ކްލަބެވެ. ހުރާ ޓީމާއި ފްލެކްސޯއަކީ މިއަހަރުގެ ސީޒަނަށް މުޅިން އަލަށް ކޮލިފައިވި ދެޓީމެވެ.

މުބާރާތުގެ އޮނިގަނޑު ރޭވިފައި އޮތް ގޮތުން ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރުމަށްފަހު އެއްވަނަ ޓީމު ފައިނަލަށް ދާނެއެވެ. ފައިނަލްގެ ޖާގަ ލިބޭ ދެވަނަނަ ޓީމަކަށް ވަނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. ލީގުގެ ފުލަށް ދާޓީމެއް މުބާރާތާއި އަލްވަދާއު ކިޔާނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް