އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން އެ މައްސަލަ މިނިވަންކަމާއެކު ތަހުގީގު ކުރުމަށް ރައީސް އެކުލަވާލި ރިޔާސީ ކޮމިޝަންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައިފި ނަމަ އެ ކޮމިޝަނުން އިސްތިއުފާ ދޭނެ ކަމުގައި ކޮމިޝަންގެ ރައީސް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
5 މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ މުނައްވަރު ވިދާޅުވީ، މައްސަލައިގެ ތަހުގީގީ މަސައްކަތްތައް ފެށިގެން މިހާރު ކުރިއަށް ދާ ކަމަށާއި މިހާތަނަށް ބޭނުންވާ ދައިރާތަކުގައި ސަރުކާރުގެ އިދާރާތަކާއިއެކު ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުންވެސް ބާއްވައިފައިވާކަމަށެވެ.
އަދި ނޫސްވެރިންނާއި ބައްދަލުކުރުމަށް ފަހުގައި ދެވަނަ ބައްދަލުވުމެއްވެސް ތާވަލު ކުރެވިފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
އޭގެ އެ ބޭފުޅާގެ ބެއްލެވުމުގެ ދަށުން ކޮމިޝަންގެ މަސައްކަތްތައް ނުހަނު މިނިވަންކަމާއެކު ގެންދެވޭނެކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ، މިނިވަންކަމާއެކު ތަހުގީގު ނުގެންދެވޭ ކަމަށްވާނަމަ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒަށް ކަމެއް ނިންމަން ޖެހިއްޖެ ކަމަށްވާނަމަ ނުވަތަ ޕްރެޝަރެއް އަތުވެޖިއްޔާ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.