ދިވެހިބަހާއި ތާރީޚާއި ސަގާފަތާ ބެހޭ ވުޒާރާއިން ރާއްޖޭގައި ފެށުމަށްޓަކައި މަޝްވަރާ ކުރެވިފައިވާ ނަފްސާނީ ބައްޔަށް ޅެމުން ފަރުވާދިނުމުގެ މަސައްކަތުގެ ތެރެއިން އަނިޔާ ލިބޭ ފަރާތްތަކަށް ޅެމުން ފަރުވާ ދިނުމާއި ގުޅޭގޮތުން އެ ވުޒާރާއިން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.
ދިވެހިފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓާއި ދިވެހިބަހާއި ތާރީޚާއި ސަގާފަތާ ބެހޭ ވުޒާރާއި ދެމެދު މި މަޝްވަރާތައް ކުރިއަށް ގެންގޮއްސައިވަނީ އިއްޔެއެވެ.
ވަޒީރު އާދަމް ނަސީރު އިބްރާހީމާއި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމާއި އެ ޑިޕަރޓްމަންޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެން މި ބައްދަލުވުމުގައި ނަފުސާނީ ދާއިރާއިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ފުލުހުން ހާމަކޮށްފައިވެއެވެ.
އަދި ޅެން ބޭނުންކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގެ ތެރެއިން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަފްސާނީ ބައްޔަށް ޅެމުން ފަރުވާދޭން ފެށުމަށް ތައްޔާރުވަމުން އަންނަކަން ވަޒީރު އާދަމް ނަސީރު އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.