ގައުމީ ވޮލީބޯޅަ މުބާރާތް – ހުރާ ބަލިކޮށް ޕޮލިހުން މުބާރާތް ފެށީ އިތުބާރާއެކު!
ޔޫޝައު ހަސަން | 30 އޭޕްރިލް 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ގައުމީ ވޮލީބޯޅަ މުބާރާތުގައި ޕޮލިސް ކްލަބުން ކުޅުނު ފުރަތަމަ މެޗްގައި ހުރާ ކޮމިއުނިޓީ ކްލަބު ސީޑާ ތިން ސެޓުން ބަލިކޮށް މުބާރާތް އިތުބާރާއެކު ފަށައިފިއެވެ.

ނިމިދިޔަ ވޮލީބޯޅަ ލީގުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި ހުރާ ޓީމު ރޭ ބައްދަލުކުރި މެޗް ފަށައިގެން ފުރަތަމަ ސެޓްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް ފެނިގެން ދިޔަ އިރު ދެ ޓީމުންވެސް ވަނީ މި ސެޓްގައި ރަނގަޅު ޑިފެންސްތަކެއް ކޮށްފައެވެ. ސެޓްގެ ފަހުކޮޅުގައި ހުރާ ޓީމަށް 2 ޕޮއިންޓްގެ ލީޑެއް ލިބުނު ނަމަވެސް ލިބުނު ފުރުސަތުގައި ރަނގަޅު އެތޭކްތަކެއް ނުކުރެވި ޕޮލިހުން އޭގެ ފައިދާ ނަގައި މުހިއްމު ޕޮއިންތަކެއް ހޯދައި އެ ސެޓް ކާމިޔާބު ކުރީ 25 – 22 ނެވެ.

ހުރާ އަދި ޕޮލިސް ބައްދަލު ކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ނިމިދިޔަ ވީއޭއެމްކަޕާއި ގައުމީ ލީގާއި ހިލާފަށް ހުރާއިން މި މުބާރާތަށް ނިކުމެފައިވަނީ ހުނަރުވެރި ޒުވާން ލިބަރޯ މައިހާގެ އިތުރުން ޒުވާން ކުޅުންތެރިޔާ ނަސްމާވެސް ޓީމުގައި ހިމަނައިގެންނެވެ. މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމުގެ ގޮތުގައި އޮތް ހުރާ ޓީމުން މެވްގެ ދެވަނަ ސެޓް ފެށީ ވަރުގަދަކޮށެވެ.

ސެޓްގެ ކުރީކޮޅުގައި ރަނގަޅު އެޓޭކްތަކަކާއި ބްލޮކްތަތަކުން ނެގި ޕޮއިންޓްތަކާއެކު އެ ޓީމުން ވަނީ ސެޓްގެ ކުރީކޮޅުގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެ ވަގުތު ތަކުގައި ޕޮލިސްޓީމުންވެސް ފެނިފައިވަނީ ކޮންމެވެސް ވަރަކަށް ފޯކަސް ގެއްލި ގޭމުން ބޭރުވެގެން ކުޅެމުން އައިތަނެވެ. އެހެން ނަމަވެސް މެޗްގެ މެދުތެރެއިން 17 – 12 ގައޮ ނަތީޖާ އޮއްވައި ޕޮލިހުން މަޑުމަޑުން ކުޅުމުގެ ތެރެއަށް އައިސް އެޓީމުގެ ބްލޮކްތަކާއި ޑިފެންސް ވަރުގަދަކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވައި ނަތިޖާ ހަމަހަމަކޮށް އެއް ޕޮއިންޓްގެ ލީޑެއްވެސް ނެގިއެވެ. އެއާއެކު ހުރާ ޓީމަށް އެންމެ އެދެވޭ ގޮތެއްގައި ޕޮއިންޓްތައް ނުނިންމި އެ ސެޓް 25 – 21 އިން ޕޮލިސްވަނީ ގެނެއްސައެވެ.

ހުރާ އަދި ޕޮލިސް ބައްދަލު ކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ފުރަތަމަ ދެ ސެޓްގައި ލިބުނު ފުރުސަތުތަކުގެ އެންމެ ފުރިހަމަ ބޭނުން ނުހިފުމުގެ ސަބަބުން ދެ ސެޓް ގެއްލުމުން އޭގެ އަސަރު ތިން ވަނަ ސެޓްގައި ހުރާ ޓީމުން ވަރަށް ބޮޑަށް ފެނުނެވެ. އޭގެ ފައިދާ ހޯދައި ޕޮލިސް ކްލަބުން އެ ސެޓްގައި ކުޅެފައިވަނީ އިތުބާރާއެކުގައެވެ. އެގޮތުން ރަނގަޅު ލީޑެއްގައި އޮވެ ސެޓް ޕޮލިހުން ގެނައީ 25 -16 އިންނެވެ.

މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ވެމްކޯގެ ޖަރސީ ނަމްބަރު 2  ގްރެޒިލޭއެވެ.

ހުރާ އަދި ޕޮލިސް ބައްދަލު ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް

ގައުމީ މުބާރާތަށް ކޮލިފައިވެފައި ވަނީ މިދިޔަ ގައުމީ ލީގުގެ ގަދަ 4 ޓީމެވެ. އެއީ ލީގު ޗެމްޕިއަން ޕޮލިހުގެ އިތުރުން 2 ވަނަ ޓީމުގެ ގޮތުގައި ވެމްކޯ އަދި ތިންވަނަ ޓީމުގެ ގޮތުގައި ހުރާ ކޮމިއުނިޓީ ކްލަބް އަދި ހަތަރުވަނަ ޓީމުގެ ގޮތުގައި ފްލެކްސޯ ސްޕޯޓްސް ކްލަބެވެ. ހުރާ ޓީމާއި ފްލެކްސޯއަކީ މިއަހަރުގެ ސީޒަނަށް މުޅިން އަލަށް ކޮލިފައިވި ދެޓީމެވެ.

މި މުބާރާތުގައި މިއަދާއި މިރޭވެސް މެޗްތަކެއް ކުރިއަށް ދާނެއެވެ. އެގޮތުން މިއަދު ހަވީރު ބައްދަލު ކުރާނީ ޕޮލިހާއި ފްލެކްސޯ އެވެ. އަދި މިރޭގެ މެޗްގައި ބައްދަލުކުރާނީ ވެމްކޯ އާއި ހުރާ ޓީމެވެ.

 

ގުޅުންހުރި ލިޔުންތައް