ގައުމީ ވޮލީބޯޅަ މުބާރާތް – އަސްލު ފޯމުގައި ކުޅެ ވެމްކޯއިން ފްލެކްސޯ ބަލިކޮށްފި
ޔޫޝައު ހަސަން | 30 އޭޕްރިލް 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ގައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ  މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ވެމްކޯ އަދި ފްލެކްސޯ ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ސީދާ ތިންސެޓުން ކާމިޔާބުކޮށްފިއެވެ.

ނިމިދިޔަ ގައުމީ ލީގު ވެމްކޯ ޓީމަށް ދިޔައީ އެންމެ އެދެވޭ ގޮތަކަށެއް ނޫނެވެ. އެގޮތުން ފާއިތުވި 5 އަހަރުގެ ތެރޭގައި އެ ޓީމަށް ވޮލީސީޒަންގައި އެ ޓީމަށް ގެއްލުނު ފުރަތަމަ ތަށްޓަކީ މިއަހަރުގެ ވޮލީ ލީގުގެ ތަށްޓެވެ. އެގޮތުން ގައުމީ ލީގުގައި ފްލެސްކޯއާއި ދެކޮޅަށް ކުޅުނު މެޗުން 3 – 1 ސެޓުން އެ ޓީމު ބަލިވުމުގެ ސަބަބުން އެ ޓީމަށް އޮތީ ވަރަށް ބޮޑު ޕްރެޝަރަކާއި ކުރިމަތިވެފައެވެ.

ގައުމީ ލީގުގެ ތަށި ގެއްލުނު ކަމުގައިވިޔަސް ގައުމީ މުބާރާތަށް އެ ޓީމުން ނިކުމެފައި ވަނީ ވަރުގަދަކޮށެވެ. އިއްޔެ ހަވީރު އެޓީމުން ފްލެކްސޯއާއި ބައްދަލުކުރި މެޗް ފަށައިގެން މުޅި މެޗްގައިވެސް ވެމްކޯއިން ކުޅެފައިވަނީ ރަނގަޅު ލީޑެއްގައެވެ.

ވެމްކޯއިން ގައުމީ މުބާރާތަށް ގެނައި ފާހަގަކޮށްލެވޭ ބަދަލަކީ، ގައުމީ ލީގަށް އެޓީމާއި ގުޅުނު ބްރެޒިލްއަށް ނިސްބަތްވާ ޖެސިކާގެ ބަދަލުގައި ނިމި ދިޔަ ވީއެމްކަޕްގައި އެ ޓީމަށް ކުޅުނު ތައިލެންޑަށް ނިސްބަތްވާ ޕައުވާނާ އަލުން ޓީމުގައި ހިމަނައިފައިވާކަމެވެ.

ގައުމީ މުބާރާތުގައި ފްލެކްސޯ އަދި ވެމްކޯ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ތައިލެންޑްގެ ދެ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު މޮޅުކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ވެމްކޯގެ ކެޕްޓަން މާޖިދާގެ ރަނގަޅު ހަމަލާތަކަކާއި އެ ޓީމުގެ ސެޓަރ ޖޫޒާންގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. އިއްޔެގެ މެޗްގައި ވެމްކޯގެ ފަރާތުން ފެނިގެން ދިޔައީ މި ސީޒަންގެ އެންމެ ވަރުގަދަ އަދި އެންމެ މޮޅު މެޗްކަންވެސް ފާހަގަކޮށްލެވެއެވެ.

ފްލެކްސޯ ޓީމުގެ ފަރާތުންވެސް އެ ޓީމުގެ ދެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޑިފެންސްތަކަކާއި އެޓޭކްތަކެއް ފެނުނު ނަމަވެސް އިއްޔެގެ މެޗްގައި އެ ޓީމުގެ ގިނަ އެޓޭކްތައް ވެމްކޯއިން ވަނީ ޑިފެންސްކޮށް ރަނގަޅު ޕޮއިންޓްތަކެއް ހޯދައިފައެވެ.

މި މެޗް ވެމްކޯއިން ކާމިޔާބުކުރީ، 25 – 22 ، 25 – 17 އަދި 25 – 19 ގެ ނަތީޖާއަކުންނެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ވެމްކޯގެ ޖަރސީ ނަމްބަރު 7 ޕަޓިޔާއެވެ.

ގައުމީ މުބާރާތުގައި ފްލެކްސޯ އަދި ވެމްކޯ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް

ގައުމީ މުބާރާތަށް ކޮލިފައިވެފައި ވަނީ މިދިޔަ ގައުމީ ލީގުގެ ގަދަ 4 ޓީމެވެ. އެއީ ލީގު ޗެމްޕިއަން ޕޮލިހުގެ އިތުރުން 2 ވަނަ ޓީމުގެ ގޮތުގައި ވެމްކޯ އަދި ތިންވަނަ ޓީމުގެ ގޮތުގައި ހުރާ ކޮމިއުނިޓީ ކްލަބް އަދި ހަތަރުވަނަ ޓީމުގެ ގޮތުގައި ފްލެކްސޯ ސްޕޯޓްސް ކްލަބެވެ. ހުރާ ޓީމާއި ފްލެކްސޯއަކީ މިއަހަރުގެ ސީޒަނަށް މުޅިން އަލަށް ކޮލިފައިވި ދެޓީމެވެ.

މި މުބާރާތުގައި މިއަދާއި މިރޭވެސް މެޗްތަކެއް ކުރިއަށް ދާނެއެވެ. އެގޮތުން މިއަދު ހަވީރު ބައްދަލު ކުރާނީ ޕޮލިހާއި ފްލެކްސޯ އެވެ. އަދި މިރޭގެ މެޗްގައި ބައްދަލުކުރާނީ ވެމްކޯ އާއި ހުރާ ޓީމެވެ.

ގުޅުންހުރި ލިޔުންތައް