ސިނގެރޭޓު ވިއްކައިރު އުމުރު ކަށަވަރުނުވާ ނަމަ ގާނޫނީ ލިޔުމެއް ދައްކަންޖެހޭ ގޮތް ހަދަނީ
ޔޫޝައު ހަސަން | 29 އޭޕްރިލް 2025

ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދުންފަތުގެ ޖެނަރޭޝަން ބޭންގެ ތެރެއިން 2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުވަސްފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް ނިންމާފައިވާއިރު، އެ އުސޫލުގެ ދަށުން ދުންފަތް ވިއްކާއިރު އުމުރު ކަށަވަރު ނުވާނަމަ ގާނޫނީ ލިޔުމަކުން އުމުރު ކަށަވަރު ކުރަންޖެހޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

2007 އިން ފެށިގެން އުފަންވި ޖީލަށް ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް މަނާ ކުރުމަށް މި މަހުގެ 13 ވަނަ ދުވަހު ސަރުކާރުން ނިންމި ނިންމުމާއެކު އެ އިސްލާހު ރައްޔިތުންގެ މަޖިލިހަށް މިއަދު ވަނީ ހުށަހަޅައިފައެވެ.

މަޖިލިހަށް މިއަދު ހުށަހެޅި އިސްލާހުގައި ވާގޮތުން 2007 އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި އެއިން އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.

އެ އިސްލާހުގައި ވާގޮތުން، ދުންފަތުގެ ބާވަތެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ އޮންލައިންކޮށްނާއި ޕޯސްޓް މެދުވެރިކޮށް ވެސް ވިއްކައިގެން ނުވާނެއެވެ.

މަޖިލިހަށް ހުށަހެޅި އިސްލާހުގައި ވާގޮތުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި ޖަނަވަރީ 1، 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށާއި އަދި، ދުންފަތުގެ ބާވަތެއް ގަންނަ މީހެއްގެ އުމުރު ޔަގީންނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ނޫން ވެސް އުމުރު އަންގައިދޭ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަން ވެސް އެ ގާނޫނުން ވަނީ މަޖުބޫރުކޮށްފައެވެ.

މި އިސްލާހާ އެކު ދުންފަތް އުފައްދަން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް