މި މަހުގެ 18 ވަނަ ދުވަހު މާލޭ ގެއެއްފެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހަދިސާ އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް ރައީސްގެ ގަރާރަކުން އެކުލަވާލި 3 މެމްބަރުންގެ ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން މިނިވަން، އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ތަހުގީގުކޮށް، ލަފާ ދިނުމަށް ޓަކައި އުފެއްދެވި މި ކޮމިޝަނަށް އޭރު އައްޔަން ކުރެއްވި މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ހަބީބް ވަނީ އިއްޔެ އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.
އެ ބޭފުޅާ އެ ކޮމިޝަނުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމަކުރައްވައިފައި ނުވާއިރު، ހަބީބަކީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި ރައުދު ޒިލާލުއާއި އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތެއް ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
މީގެ އިތުރުން ގިނަ ބައެއްގެ ފާޑުކިޔުންތަކެއްވެސް ލިބެމުން އައި މި ކޮމިޝަނުން އަންހެނަކާއި ގުޅުން ހުރި މައްސަލައެއް ތަހުގީގުކުރާއިރު ކޮމިޝަނުގައި އަންހެން ބޭފުޅަކު ނެތުމަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަހުގީގެއް ކުރިއަށް ގެންދިއުމަށް އޮތް ހުރަހެއްކަމުގައި ބުނެ ގިނަ ބަޔަކު އައީ މީސް މީޑިޔާގައި އަޑު އުފުލަމުންނެވެ.
އެގޮތުން އިއްޔެ އަނެއްކާވެސް ވަނީ ރައީސްގެ ގަރާރަކުން އެ ކޮމިޝަނަށް ބަދަލު ގެންނަވާފައެވެ. އެގޮތުން 3 މެމްބަރުންނާއެކު އެކުލަވާލި އެ ކޮމިޝަނަށް އަންހެން 2 މެމްބަރަކު އިތުރު ކުރައްވައި ހަބީބުގެ ބަދަލުގައި އިއްޔެ ވަނީ ބޭފުޅަކު އައްޔަން ކުރައްވައިފައެވެ.
އެއީ:
-
ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
-
ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
-
އާމިނަތު އީނާސް، ހ. ހަބަރުގެ
ރިޔާސީ ކޮމިޝަންގެ ރިޔާސަތު ދެންވެސް ބަލަހައްޓަވާނީ މުނައްވަރު ކަމަށް ގަރާރުގައިވެއެވެ.
ރައީސްގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ.