ރާއްޖެއިން ބޭރުގައި މުޅިން އަލަށް ޕާސްޕޯޓް އަދި އައިޑީ ކާޑުގެ ޚިދުމަތްދޭން ފަށައިފި
ޔޫޝައު ހަސަން | 29 އޭޕްރިލް 2025

ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓާއި އަދި އައިޑީކާޑު ހެއްދުމުގެ އިންތިޒާމުތައް ހަމަޖައްސައި ފުރަތަމަ ފަހަރަށް އެ ހިދުމަތް ފަށައިފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދައުވަތުފުޅަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ މިހިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިއާއެކު މެލޭޝިޔާ ވެގެންދިޔައީ ދިވެހި ޕާސްޕޯޓާއި އައިޑީކާދުގެ ހިދުމަތް ރާއްޖެއިން ބޭރުގައި ދޭން ފެށި ފުރަތަމަ ގައުމަށެވެ.

ރައީސްގެ މެލޭޗިޔާ ދަތުރުފުޅުގެ ތެރެއިން އިއްޔެ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެ ހިދުމަތް ފައްޓަވައިދެއްވައި  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ އައިޑީ ކާޑު އަދި ޕާސްޕޯޓު ދެ ފަރާތަކާ ހަވާލުކުރައްވައިފައެވެ.

އެގޮތުން އެ ގައުމުގައި މި ހިދުމަތް ދޭން ފެށިގެން ދިއުމަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެއްކަން ފާހަގަކުރައްވައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، އިއްޔެ ހައްލު ލިބިގެން އެ ދިޔައީ މީގެ ކުރިން އެކަން ނުވެ އޮތުމުން ވަރަށް ގިނަ ބައެއްގެ ޝަކުވާތައް ލިބުނު ކަންބޮޑުވުމަކަށް ކަމުގައެވެ.

މެލޭޝިއާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށާފައިވާއިރު، ދިވެހިން އާންމުކޮށް ގިނަ އަދަދަކަށް ގޮސް އުޅޭ ތިން ގައުމުކަމުގައިވާ، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައިވެސް އެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް