މެލޭޝިޔާގެ ބޮޑުވަޒީރުގެ ދައުވަތުފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އެ ޤައުމަށް ފުރާވަޑައިގެންފި
ޔޫޝައު ހަސަން | 27 އޭޕްރިލް 2025

ރަސްމީ ދަތުރުފުއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

ވެރިކަމަށް ވަޑައިގެން ފަހުން މެލޭޝިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް އެ ޤައުމަށް ފުރަވައިވަޑައިގެންނެވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ހާއްސަ ދައުވަތުފުޅަކަށެވެ.

މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައި ދޭދޭ ގައުމުގެ ކަންކަމުގައި އެއްބާރުލުން ދެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ބައިވެރިވެ ވަޑައިގެން  މެލޭޝިއާގެ އިސް އިންވެސްޓަރުންނާއި ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ހަމައެޔާއެކު އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި އެ ފަރާތްތަކުގެ  ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި، އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް