ވީއޭއެމް ކަޕް 2025 – ޕޮލިސް ކައިރިން ބަދަލުހިފައި 5 ވަނަ ފަހަރަށް ވެމްކޯއަށް ޗެމްޕިއަން!
ޔޫޝައު ހަސަން | 18 އޭޕްރިލް 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި ކުރިއަށް ދިޔަ ވީއޭއެމް ކަޕް 2025 ގައި ރޭ ކުޅުނު ފައިނަލް މެޗްގައި ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ވިދި ވިދިގެން 5 ވަނަ ފަހަރަށް ކްލަބް ވެމްކޯއިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލަށް ޕޮލިސް ކްލަބުން ނިކުތީ ވަރަށް ބޮޑު ގޮޖެހުމަކާއެކުއެވެ. މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގެ ތިން ވަނަ ސެޓްގައި އެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން މި މެޗަށް ޕޮލިސް ކްލަބުން ނިކުންނަން ޖެހުނީ ހައްވައާއި ނުލައެވެ. ޕޮލިހުން ފައިނަލަށް ދިޔައީ މުބާރާތުގެ ފުރަތަމަ ސެމީގައި ވެމްކޯއާއި ދެކޮޅަށް ކުޅެ ހަނި މޮޅެއް ހޯދައިގެނެވެ.

ވީއޭއެމްކަޕް 2025 ގެ ފައިނަލްގައި ވެމްކޯ އަދި ޕޮލިސް ބައްދަލު ކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ވެމްކޯ ފައިނަލަށް ދިޔައީ މުބާރާތުގެ ތިންވަނަ ސެމީގައި ހުރާ އާއި ދެކޮޅަށް ފަސް ސެޓް ކުޅެ ހަނި މޮޅެއް ހޯދައިގެނެވެ.

ފައިނަލް މެޗްގެ ފުރަތަމަ ސެޓް ފަށައިގެން ހަމަ ހަމަކުޅުމެއް ދެޓީމުންވެސް ކުޅެމުން އައިސް ސެޓްގެ 18 ވަނަ ޕޮއިންޓާއި ހަމައިން ވެމްކޯގެ ކެޕްޓަން މާޖިދާގެ ސަރވިސްއަކުން ހޯދި ޕޮއިންޓަކާއި އެޓީމުގެ ތައިލޭންޑް ކުޅުންތެރިޔާ ޕަޓީޔާގެ ރަނގަޅު އެޓޭކަކުން ވެމްކޯއިން ނެގި ލީޑާއެކު އެޓީމުން ހޯދި އިތުބާރާއެކު އެޓީމުން ވަނީ 4 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ނަތީޖާ ހަމަހަމަކުރުމަށް ޕޮލިހުން މަސައްކަތް ކުރި ނަމަވެސް ވެމްކޯގެ ޑިފެންސް ލައިން ރޭ ފެނިގެން ގޮއްސައި ވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އެ ޓީމުޖގެ ލިބެރޯ ނުހާގެ އިތުރުން ކެޕްޓަން މާޖިދާއާއި ސެޓަރ ޖޫޒާން އަދި ތައިލޭންޑަށް ނިސްބަތްވަ ދެ ބިދޭސީ ކުޅުންތެރިންނާއި ދެކޮޅަށް ޕޮލިސް ކްލަބުން ފޮނުވާލި ގިނަ ހަމަލާތަށް ދިފާއުކޮށް އެ ޕޮއިންޓްތައް ވެމްކޯއިން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ފުރަތަމަ ސެޓް ވެމްކޯއިން ގެނެސްފައިވަނީ 25 – 20 ގެ ނަތީޖާއަކުންނެވެ.

ވީއޭއެމްކަޕް 2025 ގެ ފައިނަލްގައި ވެމްކޯ އަދި ޕޮލިސް ބައްދަލު ކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ރޭގެ މެޗްގައި ވެމްކޯއިން ފެނިގެން ގޮއްސައި ވަނީ މުބާރާތުގެ ހުރިހާ މެޗަކާއި ޚިލާފަށް ހުރިހާ ޑިޕަރޓްމަންޓްތަކުގައި ވެސް ވަރުގަދަކޮށެވެ. އެގޮތުން މުބާރާތުގެ ކުރީކޮޅުގައި އެޓީމަށް ހެދުނު ގިނަ ގޯސްތައް ރޭގެ މެޗްގައި ރަނގަޅުކޮށްގެން ކުޅުނުކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން މެޗްގެ 2 ވަނަ ސެޓްގެ ކުރީކޮޅުގައި ވެމްކޯއިން އިތުބާރާއެކު ހޯދި 3 ޕޮއިންޓްގެ ލީޑުގައި ކުޅެމުން އައި އިރު އެ ސްޓްގައި ޕޮލިސް ކްލަބުންވެސް ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް އޭގެ ގިނަ ބޯޅަތައް ވެމްކޯއިން ޑިފެންސްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި ސެޓްގައި ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ބްލޮކްތަކެއް ފެނުނު ނަމަވެސް ވެމްކޯގެ ބިދޭސީ ދެ ކުޅުންތެރިންގެ އިތުރުން އެ ޓީމުގެ ނަރީމާ އަދި ރިޔާޝާގެ ފަރާތުންވެސް މުހިއްމު ޕޮއިންޓްތަކެއް ބްލޮކްއިން ހޯދައިދިންތަން ފެނުނެވެ. މި ސެޓްވެސް ވެމްކޯއިން ކާމިޔާބު ކުރި އިރު މި ސެޓް އެ ޓީމުން ގެނައީ 25 – 19 ގެ ނަތީޖާއަކުންނެވެ.

ވީއޭއެމްކަޕް 2025 ގެ ފައިނަލްގައި ވެމްކޯ އަދި ޕޮލިސް ބައްދަލު ކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ވިދިވިދިގެން 5 ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަމުގެ ތާޖު އެޅުމަށް ވެމްކޯއިން ތިންވަނަ ސެޓްގެ ކުޅުންވެސް ފެށީ އިތުބާރާއެކުއެވެ. ކްޕްޓަން ހައްވަ ނެތުމާއެކު ފޮލިސް ކްލަބްގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުންވެސް އެކި އެކި ގޯސްތައް ފެނިގެން ދިޔަ މި މެޗްގައި ޕޮލިސް ޓީމް ފެނިގެން ދިޔައީ އެހެން މެޗްތަކަށްވުރެ ޑިފެންސްގައިވެސް ދަށްކޮށެވެ. ސެޓް ކާމިޔާބުކޮށް މެޗްގެ ހަތަރުވަނަ ސެޓަކަށް ދިއުމަށްޓަކައި މި ސެޓްގައި ޕޮލިސްޓީމުން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްގެން ސެޓް ކުރިއަށް ގެންދިޔަކަން ފާހަގަކޮށްލެވުނެވެ. އެގޮތުން ވެމްކޯގެ ގިނަ އެޓޭކްތަކެއް ޑިފެންސްކޮށް ޕޮލިސްޓީމުގެ ދެ ބިދޭސީ ކުޅުންތެރިންވެސް ވެމްކޯގެ ފަޅިއަށް ފޮނުވި ގިނަ ހަމަލާތަކުން މުހިއްމު ޕޮއިންޓްތަކެއް އެ ޓީމަށް ހޯދައިދިންތަން ފެނިގެން ދިޔައެވެ.

ވީއޭއެމްކަޕް 2025 ގެ ފައިނަލްގައި ވެމްކޯ އަދި ޕޮލިސް ބައްދަލު ކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

އެހެން ނަމަވެސް މެޗްގެ ފުރަތަމަ ދެ ސެޓް ލިބިފައިވުމުގެ ފައިދާ ނަގައި ސެޓްގެ މެދާއި ހަމައިން ކުޅުން ވަރުގަދަކޮށް 3 ވަނަ ސެޓް ކާމިޔާބުކޮށްފައިވަނީ 25 – 19 އިންނެވެ. މިއީ ވިދިވިދިގެން ވީއޭއެމްކަޕްގެ ޗެމްޕިއަންކަން ވެމްކޯއިން ނެގި 5 ވަނަ ފަހަރެވެ.

ރޭގެ ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ވެމްކޯއަށް ކުޅޭ ތައިލޭންޓްގެ ކުޅުންތެރިޔާ ޕަޓިޔާއެވެ.

ވީއޭއެމްކަޕް 2025 ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް

ރޭގެ މެޗަށްފަހު މުބާރާތުގެ ޑްރީމްޓީމަށާއި ރަނަރަޕް ޓީމަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

މުބާރާތުގެ ޑްރީމް ޓީމް

ބެސްޓް އައުޓް ސައިޑް ހިޓަރ: ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 10 އާއިޝަތު މާޖިދާ ، ޕޮލިސް ކްލަބް ޖަރސީ ނަމްބަރ 07 އާމިނަތު އަރީޝާ

ބެސްޓް މިޑްލް ބްލޮކަރ: ޕޮލިސް ކްލަބް ޖަރސީ ނަމްބަރ 04 މަރިޔަމް އަޒުމާ، ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 04 ނަރީމާ އިދުރީސް

ބެސްޓް އޮޕޮސިޓް ހިޓަރ: ޕޮލިސް ކްލަބް ޖަރސީ ނަމްބަރ 06  ހައްވާ ރާޝިދާ

ބެސްޓް ސެޓަރ: ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 11 ފާތިމަތު ޖޫޒާން ޒަރީރު

ބެސްޓް ލިބެރޯ: ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 2 ނުހާ ވަހީދު

ބެސްޓް ކޯޗް: ކްލަބް ވެމްކޯ އަހްމަދު އަދީލް

މޯސްޓް ޕްރޮމިސިންގް ޕްލެޔަރ: ހުރާ ކޮމިއުނިޓީ ކްލަބް ޖަރސީ ނަމްބަރ 5 ޢާއިޝަތު ދީމާ ނަދީމް

މޯސްޓް ވެލިއުވެބަލް ޕްލެޔަރ އޮފް ދި ޓޯނަމެންޓް: ކްލަބް ވެމްކޯ ޖަރސީ ނަމްބަރ 10 އާއިޝަތު މާޖިދާ

މުބާރާތުގެ ރަނަރަޕް ޓީމަކަށް ޕޮލިސްކްލަބް ދިޔައިރު މުބާރާތުގެ ތިން ވަނަ ޓީމަކީ މުޅިން އަލަށް މު މުބާރާތަށް ކޮލިފައިވި ހުރާ ކޮމިއުނިޓީ ކްލަބެވެ.

ވީއޭއެމްކަޕް 2025 ގެ ޑްރީމް ޓީމް – ފޮޓޯ/ވީއޭއެމް

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ހުރާ ކޮމިއުނިޓީ ކްލަބްގެ އިތުރުން ވީވައިއެންޖީއާއި ޖީޖީ ސްޕޯޓްސް އަދި ޕޮލިސް ކްލަބެވެ.

ގްރޫބް ބީގައި ހިމެނެނީ ވެމްކޯގެ އިތުރުން އަސްދިގަ ސްޕޯޓްސްއާއި ފެލްކްސޯ ސްޕޯޓްސްގެ އިތުރުން ސިޓީ ފްރެންޑްސްއެވެ.

ގުޅުންހުރި ލިޔުންތައް