ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ވޮލީބޯޅަ އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް 2025) ގައި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗްގައި މުބާރާތުގެ ކުޅުންތެރިންގެ ނިސްބަތުން އޮތް އެންމެ ޒުވާން ޓީމު، ހުރާ ކޮމިއުނިޓީ ކްލަބާއި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗް ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބުން ކާމިޔާބުކޮށްފިއެވެ.
އިއްޔެގެ މެޗަކީ މުބާރާތައި ދެ ޓީމުވެސް ކުޅުނު ދެވަނަ މެޗެވެ.
ތަޖުރިބާކާރު ކޯޗު ނަދީމްބެގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ހުރާ ޓީމާއި ތަޖުރިބާކާރު ކޯޗް ފައިސަލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ، ނައިފަރަށް ނިސްބަތްވާ ޖީޖީ ސްޕޯޓްސް ބައްދަލު ކުރި މެޗްގެ ފުރަތަމަ ސެޓް ފަށައިގެން ފުރަތަމަ 15 ޕޮއިންޓްވެސް ކުޅޭފައިވަނީ ދެ ޓީމަށްވެސް ދާދި ހަމަހަމަކޮށް ޕޮއިންޓްތައް ލިބިގެންނެވެ. އެހެން ނަމަވެސް ސެޓްގެ މެދުތެރެއިން ހުރާ ޓީމުގެ ޑިފެންސްތައް ވަރުގަދަކޮށް އެޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް ޖީޖީ ސްޕޯޓްގެ ފަޅިއަށް ފޮނުވާލައިފައެވެ. ޚާއްސަކޮށް ސެޓްގެ ފަހުކޮޅުގައި ހުރާ ޓީމަށް ކުޅެމުން އަންނަ ރަޝިޔާއަށް ނިސްބަތްވާ ދެކުޅުންތެރިންގެ ކުޅުން ފާހަގަކޮށްލެވެއެވެ. އަދި އެ ޓީމުގެ ޒުވާން ދެ ސެޓަރުންކަމުގައިވާ ދީމާއާއި އިޝްފާއުގެ ސެޓިންގްތައްވެސް އެ ސެޓް ކާމިޔާބުކުރުމުގައި ފާހަގަކޮށްލެވެއެވެ. ފުރަތަމަ ސެޓް އެ ޓީމުން ކާމިޔާބުކުރީ 25 – 19 އިންނެވެ.

ހުރާ ކޮމިއުނިޓީ ކްލަބް އަދި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް
ދެވަނަ ސެޓް ފަށައިގެންވެސް ހުރާ ޓީމުން ވަނީ ފުރަތަމަ ސެޓެކޭވެސް އެއްގޮތަށް އެޓީމުގެ ކުޅުން ދަމަހައްޓައިފައެވެ. އެހެން ނަމަވެސް ޖީޖީ ސްޕޯޓްސް ޓީމުގެ ފަރާތުން މުހިއްމު ދަނޑިވަޅުތަކުގައި ހެދުނު ގޯސްތަކުގެ ފައިދާ ނަގައިގެން ހުރާޓީމުން ސެޓް ކުޅެފައިވަނީ މުޅި ސެޓްގައިވެސް ރަނގަޅު ލީޑެއްގައި އޮވެގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހުރާ ޓީމުން ވަނީ އެ ސެޓް 25 – 14 އިންނެވެ. މި ސެޓްގައި ޖީޖީ ސްޕޯޓްސް ޓީމަށް ކުޅެމުން އަންނަ އިންޑިޔާއަށް ނިސްބަތްވާ ދެ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ހެދުނުތަން ފެނިފައިވާއިރު ހުރާ ޓީމުގެ ލިބެރޯ ފަޒުނާގެ އިތުރުން އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ރިޝްފާގެ ފަރާތުން ޑިފެންސް ލައިންގައި ރަނގަޅު ބޯޅަތަކެއް ސަލާމަތްކުރިތަން ފެނިގެން ދިޔައެވެ.

ހުރާ ކޮމިއުނިޓީ ކްލަބް އަދި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް
މެޗްގެ ތިންވަނަ ސެޓް ފަށައިގެން ކުޅުން ކުރިއަށް ދިޔަ އިރު ދެވަނަ ސެޓްގައި ހެދުނު ގިނަ ގޯސްތައް ރަނގަޅުކޮށް ޖީޖީ ސްޕޯޓްސްއިންވެސް ވަނީ ރަނގަޅު ފޯމެއްގައި ކުޅެންފަށައިފައެވެ. އެގޮތުން އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ސަރވިސްތަކަކާއި އެޓޭކްތަކެއް ވަނީ ފެނިގެން ގޮއްސައެވެ. އަދި ހުރާ ޓީމުގެ ކުޅުންތެރިންގެ މުހިއްމު އެޓޭކްތަކެއް ނަގައިގެން ޖީޖީ ސްޕޯޓްސްއިން ކުޅުނުކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރެވުމުގެ ޔަގީންކަމާއެކު ހުރާ ޓީމުން 2 ޕޮއިންޓެއްގެ ލީޑެއްގައި ކުޅެމުން ގޮސް އެ ސެޓް ކާމިޔާބުކޮށްފައިވަނީ، 25 – 22 އިންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރާ ކޮމިއުނިޓީ ކްލަބްގެ ޖަރސީ ނަމްބަރު 4 ވެރޮނިކާއެވެ.

ހުރާ ކޮމިއުނިޓީ ކްލަބް އަދި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗްގެ މޮޅުކުޅުންތެރިޔާ – ފޮޓޯ/ވީއޭއެމް
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ހުރާ ކޮމިއުނިޓީ ކްލަބާއި ވީވައި ޖީޖީ ސްޕޯރޓްސް ހިމެނޭ ގްރޫޕް އޭގައި ދެން އޮތީ ޕޮލިސް ކްލަބްގެ އިތުރުން ވީވައިއެންޖީއެވެ.
ގްރޫބް ބީގައި ހިމެނެނީ މިދިޔަ 3 އަހަރުގެވެސް ޗެމްޕިއަން ވެމްކޯގެ އިތުރުން އަސްދިގަ ސްޕޯޓްސްއާއި ފެލްކްސޯ ސްޕޯޓްސްގެ އިތުރުން ސިޓީ ފްރެންޑްސްއެވެ.
މި މުބާރާތުގައި މިއަދާއި މިރޭވެސް މެޗްތައް ކުރިއަށް ދާނެއެވެ. މިއަދު ހަވީރު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ބީގެ އަސްދިގަ އާއި ފެލްކްސޯ ސްޕޯޓްސްއެވެ. އަދި މިރޭ ބައްދަލުކުރާނީ ގްރޫޕް އޭގެ ވީވައިއެންޖީ އާއި ޖީޖީ ސްޕޯޓްސްއެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ.