ވީއޭއެމް ކަޕް 2025 – ވަރުގަދަ ޕޮލިހަށް ވީވައިއެންޖީ އަތުން ހަނި މޮޅެއް!
ޔޫޝައު ހަސަން | 12 އޭޕްރިލް 2025

ޒުވާނުންގެ މަރުކަޒުގެ އިންޑޯރ ކޯޓުގައި މިހާރު ކުރިއަށްދާ، ވޮލީބޯޅަ އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް 2025) ގައި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމު ކަމުގައިވާ ޕޮލިސް ކްލަބާއި ގިނަ ޒުވާން ކުޅުންތެރިން ހިމެނޭ ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން ވީވައިއެންޖީ ބައްދަލުކުރި މެޗުން ޕޮލިސް ކްލަބް ހަނި ގޮތަކަށް މޮޅު ވެއްޖެއެވެ.

ރޭ 20:30 ގައި އޮތް މި މެޗް ފަށައިގެން ފުރަތަމަ ސެޓު ފެށިގެން ދެ ޓީމުންވެސް ހަމަ ހަމަ ކުޅުމެއް ދައްކަމުން އައިސް ސެޓްގެ މެދުތެރެއިން ޕޮލިހުން ވަނީ އެ ޓީމުގެ ކުޅުން ވަރުގަދަކޮށް ބޮޑު ލީޑެއް ނަގައި 25 – 15 އިން ސެޓް ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓްގެ ކުޅުން ފެށިގެން ކުރިއަށް ދިޔަ އިރު ފުރަތމަ ސެޓާއި ޚިލާފަށް ވީވައިއެންޖީން އައީ މި ސެޓްގައި 2 ޕޮއިންޓްގެ ލީޑެއްގައި ކުޅެމުންނެވެ. އެހެން ނަމަވެސް ސެޓްގެ 11 ވަނަ ޕޮއިންޓާއި ހަމައިން 3 ޕޮއިންޓްގެ ލީޑެއް ވީވައި އެންޖީން ނެގިއެވެ. ފުރަތަމަ ސެޓާއި ޚިލާފަށް މި ސެޓްގައި ޕޮލިސް ކްލަބުން ފޮނުވާލި ގިނަ ހަމަލާތައް ވީވައި އެންޖީގެ ޒުވާން ކުޅުންތެރިން އައީ ޑިފެންސްކޮށް ކުޅުން ރަނގަޅުކުރަމުންނެވެ.

ސެޓްގެ ފަހުކޮޅުގައި ޕޮލިހުން ކުޅުން ރަނގަޅުކޮށް 24 – 24 އަށް ސްކޯރ ހަމަ ހަމަ ކުރި ނަމަވެސް ލިބުނު ފުރުސަތުތައް އެންމެ އެދެވޭގޮތެއްގައި ނިންމާނުލެވި ވީވައި އެންޖީން އޭގެ ފައިދާ ނަގައި މިސެޓް ކާމިޔާބު ކުރީ 26 – 24 ނެވެ.

ޕޮލިހާއި ވީވައިއެންޖީ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ފުރަތަމަ ސެޓްގައި ދިމާވި މައްސަލަތައް ހައްލުކޮށް ދެވަނަ ސެޓްގައި ޕޮލިހުން ނިކުތީ ވަރުގަދަކޮށެވެ. އެޓީމުގެ ބިދޭސީ ދެ ކުޅުންތެރިންގެ އިތުރުން ޤައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވައާއި އަރީޝާގެ ކުޅުންވެސް މި ސެޓްގައި ފާހަގަކޮށްލެވެއެވެ. މި ސެޓްގައި ވީވައިއެންޖީ ފެނިގެންދިޔާ ހަމަނުޖެހެވި ރަނގަޅަށް ބޯޅަތައް ނުނިންމިގެން ދިޔަ ތަނެވެ. މި ސެޓް ޕޮލިހުން ގެންދިޔައީ ފަރަޤު ބޮޑުކޮށް 25 – 12 އިންނެވެ.

3 ވަނަ ސެޓްގެ ކުޅުން ދަށްކޮށް ދިޔަ ނަމަވެސް 4 ވަނަ ސެޓްގައި ވީވައިއެންޖީން ކުޅެފައިވަނީ ހިތްވަރާ ޔަގީންކަމާއެކުއެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅެތި ޑިފެންސްތަކާއި އެޓޭކްތައް ފެނިގެން ދިޔަ މި ސެޓަކީ މެޗްގައި އެންމެ ވާދަވެރިކޮށްވެސް ދިޔަ ސެޓްމެއެވެ. އެގޮތުން ޕޮލިސްކްލަބްގެ ޑިފެންސް ލައިންގައި އެ ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އަރީޝާގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުންވެސް ވީވައިއެންޖީގެ ލިބެރޯ މަނާލްގެ އިތުރުން އެޓީމުގެ ޒުވާން ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެން ގޮއްސައިވަނީ ހިތްވަރުގަދަ މޮޅު ކުޅުމެކެވެ. ޓީމުގެ ބޮޑު ޒިންމާއެއް ބޮލަށް ނަގައިގެން ވީވައިއެންޖީއަށް ކުޅެމުން އަންނަ ތައިލެންޑަށް ނިސްބަތްވާ ދެ ޒުވާން ކުޅުންތެރިންގެ ފަރާތުންވެސް ވަރަށް މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮއްސައެވެ. ދާދި ހަމަހަމަކޮށް ކުރިއަށް ދިޔަ މި ސެޓްގެ ފަހުކޮޅުގައި ކުރިހޯދައި ވީވައިއެންޖީން ސެޓް ގެނައީ،  28 – 26 ނެވެ.

ޕޮލިހާއި ވީވައިއެންޖީ ބައްދަލުކުރި މެޗްގެ ތެރެއިން – ފޮޓޯ/ވީއޭއެމް

ނަތީޖާ ނެރުމަށް ކުޅުނު 25 ވަނަ ސެޓް ފަށައިގެން ޕޮލިހަށް ގިނަ ގޯސްތަކެއް ހެދުމުގެ ފައިދާ ނަގައި ވީވައި އެންޖީން ވަނީ 5 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެހެން ނަމަވެސް ހެދުނު ގޯސްތައް ރަނގަޅުކޮށް ޕޮލިހުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ފަރަގު ހަމަ ހަމަކުރުމުގެ އެ ޓީމުގެ އަރީޝާގެ މޮޅެތި ނިންމުންތަކާއި އެޓީމަށް ކުޅެމުން އަންނަ ބްރެޒިލްއަށް ނިސްބަތްވާ ކުޅުންތެރިޔާ ގްރެޒިލޭ ރިބެއިރޯގެ ކުޅުންވެސް ފާހަގަކޮށްލެވެއެވެ.

އެ ދަނޑިވަޅުގައި ހޯދި ޔަގީންކަމާއެކު ޕޮލިހުން މި ސެޓް ގެނެސްފައިވަނީ 15 – 12 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމަށް ކުޅޭ ބްރެޒިލް ކުޅުންތެރިޔާ ގްރެޒިލޭ ރިބެއިރޯއެވެ. ޕޮލިހުގެ އަނެއް ބިދޭސީ ކުޅުންތެރިއަކީ ގްރީސްއަށް ނިސްބަތްވާ ސޯފިއާއެވެ.

ޕޮލިހާއި ވީވައިއެންޖީ ބައްދަލުކުރި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިހަށް ކުޅޭ ބްރެޒިލްެގެ ކުޅުންތެރިއާ ގްރެޒިލޭ ރިބެއިރޯ – ފޮޓޯ/ވީއޭއެމް

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޕޮލިހާއި ވީވައި އެންޖީ ހިމެނޭ ގްރޫޕް އޭގައި ދެން އޮތީ ޖީޖީ ސްޕޯރޓްސްގެ އިތުރުން ހުރާ ކޮމިއުނިޓޯ ކްލަބެވެ.

ގްރޫބް ބީގައި ހިމެނެނީ މިދިޔަ 3 އަހަރުގެވެސް ޗެމްޕިއަން ވެމްކޯގެ އިތުރުން އަސްދިގަ ސްޕޯޓްސްއާއި ފެލްކްސޯ ސްޕޯޓްސްގެ އިތުރުން ސިޓީ ފްރެންޑްސްއެވެ.

މި މުބާރާތުގައި މިއަދާއި މިރޭވެސް މެޗްތައް ކުރިއަށް ދާނެއެވެ. މިއަދު ހަވީރު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ ހުރާ ކޮމިއުނިޓީ ކްލަބާއި ޖީޖީ ސްޕޯޓްސްއެވެ. އަދި މިރޭ ބައްދަލުކުރާނީ ގްރޫޕް ބީގެ އަސްދިގަ އާއި ސިޓީ ފްރެންޑްސްއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ.

ގުޅުންހުރި ލިޔުންތައް