ލިޓަސް ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި މިއަދު މީދޫ އެސް.ސީ އަދި އަލިފުށި ވާދަކުރާނެއެވެ. މި މެޗަކީ ދެ ޓީމަށްވެސް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މުހިއްމު މެޗެކެވެ.
މީދޫ އަދި އަލިފުށިން މިހާތަނަށް މުބާރާތުގެ ތިން މެޗު ކުޅެފައިވާއިރު، މީދޫ އޮތީ ހަ ޕޮއިންޓާއެކު ގުރޫޕުގެ ދެ ވަނަައިގައެވެ. ހުޅުދުއްފާރު އަދި މާކުރަތު އަތުން މީދޫ މޮޅުވިއިރު ދުވާފަރު އަތުން ވަނީ ބަލިވެފައެވެ. ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާއެކު އަލިފުށި އޮތީ ގުރޫޕުގެ ތިން ވަނައިގައެވެ. އަލިފުށި ކުޅުނު މެޗުތަކަށް ބަލާލާއިރު، މާކުރަތު އަތުން މޮޅުވި ނަމަވެސް ހުޅުދުއްފާރާއި ބައްދަލުކުރި މެޗު ވަނީ އެއްވަރުވެފައެވެ. އަދި ދުވާފަރު އަތުން އަލިފުށިވެސް ވަނީ ބަލިވެފައެވެ.
މިއަދުގެ މެޗުން މޮޅުވެގެން ނުވަތަ އެއްވަރު ވިއަސް ސެމީ ފައިނަލްގެ ޖާގައެއް މީދޫއަށް ކަށަވަރުވާނެއެވެ. އަލިފުއްޓަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވާނީ މީދޫއަތުން މޮޅުވެވިއްޖެނަމައެވެ. އެހެންކަމުން މި މެޗަކީ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ.
މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ.