ގޯތި ލިބުނު މީހުންނަށް ގުޅީ ފަޅުން ބިން ހަވާލުކުރަން ފަށައިފި
ޔޫޝައު ހަސަން | 15 ސެޕްޓެމްބަރ 2025

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ގުޅީފަޅުން ދޫކުރާ ގޯތިތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން ވަގުތީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ބިންތައް ކޮންޓްރެކްޓަރުން ހުސްކުރުމުން އެ ބިންތަކުން ވެސް ގޯތިތައް ހަވާލު ކުރަން ފަށާނެކަމަށެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެންބަރު ތިން ވަނަ ދުވަހު ކަމަށެވެ.

ކުރީ ސަރުކާރުން ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި، މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނިކޮށް، މި ސަރުކާރުން ވަނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅާފައެވެ.

އެގޮތުން ގެނައި ބަދަލުގެ ފަހުން މިހާތަނަށް 843 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް