ރަސްފަންނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްޓަކައި މިއަދުން ފެށިގެން ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރަސްފަންނު ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށްޓަކައި އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ތައްޔާރުވެފައިވާ ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކޮށްފައި ވާކަމަށެވެ.
އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމުގެ މަސައްކަތް ކުރުމަށެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާއްމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާހަނާ ބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.
ރަސްފަންނު ހުޅުވާފައި ވަނީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ.