މިއަދުން ފެށިގެން 4000 ފްލެޓްތައް ހަވާލުކުރަން ފަށަނީ
ޔޫޝައު ހަސަން | 11 ސެޕްޓެމްބަރ 2025

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްތަކުގެ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ފަށާނެކަމަށް އެފްޑީސީ އިން ހާމަކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ރޭ ހާމަކުރި ގޮތުގައި ފްލެޓްތައް ހަވާލުކުުރުމުގެ މަސައްކަތް މިއަދު ފެށިގެން އެ ކޯޕަރޭޝަންގެ  ފަހި ޕޯޓަލް މެެދުވެރިކޮށް ފަށާނެ ކަމަށާއި އަދި އެޕަރޓްމަންޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމަށްޓަކައި އެސްއެމްއެސްގެ ޒަރިއްޔާއިން އަންގަމުން ގެންދާނެކަމަށެވެ.

އެގޮތުން އެ ޓަވަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަވާލުކުރުމުގެ މަސައްކަތް ފަށާނީ، އަމާން އުދަރެސްގެ 14 ޓަވަރުގެ ޔުނިޓްތައް ކަމަށާއި އެ ޓަވަރުތަކުގެ އަސާސީ ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެފްޑީސީ އިން ހާމަކޮށްފައެވެ. މީގެ އިތުރުންވެސް އެފްޑީސީ އިން ވަނީ ފްލެޓްތައް ލިބޭ މީހުންގެ ތެރެއިން މިހާތަނަށް  3،000 އަށްވުރެ ގިނަ މީހުންނާއެކު ފްލެޓް ގެ އެއްބަސްވުމުގައި ސޮއިވެސް ކުރެވިފައިވާމަށް ހާމަކޮށްފައެވެ.

ފްލެޓް ހަވާލުކުރާނީ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ. 2 ކޮޓަރީގެ އެޕާޓްމަންޓަކަށް 15,000ރ، އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 25,000ރ ގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ.

ސަރުކާރުން ވަނީ ގަވާއިދުން މި ފްލެޓްތަކަށް ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9,000ރ އިން 7,000ރ އަށް، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 13,000ރ އިން 9,000ރ އަށް ވަނީ ކުޑަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް