ސްޓެލްކޯގެ އެމްޑީކަމުން ފަހުމީ ވަކިކޮށް އެ މަގާމަށް ސަމާހު ރަޝީދު އައްޔަން ކޮށްފި
ޔޫޝައު ހަސަން | 08 ސެޕްޓެމްބަރ 2025

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ މަގާމުން ވަކިކޮށް ކުރިން މިފްކޯގެ ސީއީއޯގެ މަގާމުގައި ހުރި އަހުމަދު ސަމާހު ރަޝީދު އެ މަގާމަށް އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މަގާމުން ފަހުމީ ވަކިކޮށް އަހުމަދު ސަމާހު ރަޝީދު އެ މަގާމަށް އައްޔަންކޮށްފައި ވާކަމަށެވެ.

މަގާމުން ވަކިކުރި ފަހުން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،  27 އަހަރު ވަންދެން ސްޓެލްކޯގައި އިސްކޮށް އުޅުމުގެ ޝަރަފު ދެއްވިކަމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި ސްޓެލްކޯއަށް ކާމިޔާބީއަށް މަގުފަހިކޮށްދެއްވި އެގްޒެކެޓިވްސް އަދި މުވައްޒަފުންގެ އަގު ވަޒަންކުރާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ސްޓެލްކޯއަށް ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ސްޓެލްކޯއާ ފަހުމީ ގުޅިވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ ޓްރެއިނީއެއްގެ ގޮތުގައެވެ. އެއަށް ފަހު ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. އަދި އެއަށް ފަހު މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ވަޑައިގެންނެވިއެވެ.

ސްޓެލްކޯގެ އާ އެމްޑީ ސަމާހު މިފްކޯގެ ސީއީއޯ ކަމަށް އައްޔަންކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ. އެއަށްފަހު، މިދިޔަ އަހަރުގެ މާޗު މަހުގެ 18ވަނަ ދުވަހު ޕީސީބީން ސަމާހު ވަގުތީ ގޮތުން މަގާމުން އެކަހެރިކުރިކަން އިއުލާންކުރިއެވެ.

އެކަން އިއުލާނުކޮށް ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސަމާހާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށް ޓަކައި 14 ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމި ކަމަށެވެ.

ނަމަވެސް، ޕީބީސީން ފަހުން އެ މުއްދަތު އިތުރުކުރިއެވެ. އެއަށްފަހު އޭނާގެ ސަސްޕެންޝަން އުވާލައި އެކަން ލިޔުމުން, މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 23ގައި އެންގިއެވެ.

ގުޅުންހުރި ލިޔުންތައް