ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑްރިލްތަކަކަށް ސިނަމާލެ ބްރިޖުގެ އެއް ލޭނު މިއަދުގެ ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ، ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި މިއަދު ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ބަންދުވާނެ ކަމަށް ފުލުހުން އެމްއޭސީއެލުން ބުނެފައިވެއެެވެ.
ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. މި އަހަރުގެ އެފެކްސްގައި 32 އިދާރާއަކުން ބައިވެރިވެއެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތުން ބައިވެރިވެފައިވާކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.