ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެކަން ހާމަކޮށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ބުނެފައި ވަނީ، ގޯތި ވަކިކުރުމުގެ މަސައްކަތް ނިންމައި އަންނަ ހަފްތާއިން ފެށިގެން ބިންތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރަން ފަށާނެ ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ހަދައިފައިވާ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ގެނައި ބަދަލު ތަކާއެކު ގިރާވަރުފަޅުން ކުރިން ދޭން ނިންމި ބައެއް ގޯތިތައް ގުޅީފަޅުން ދޭގޮތަށް ހަމަޖެހިފައިވާކަމަށާއި އެހެންކަމުން ކުރިން ދީފައިވާ ރަޖިސްޓްރީތައް މިހާރު ބާތިލް ކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން މިދިޔަ މޭ މަހު ވަނީ އަލުން ގުރު ނަގައި ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައިފައެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު 1260 ފަރާތަކަށް ވަނީ ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައެވެ.
އަލަށް ރަޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ހުޅުވާލި ނަމަވެސް، ބައެއް ގޯތި ލިބުނު ފަރާތްތަކުން ވަނީ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދާފައެވެ. އެއީ، އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެއެވެ.
ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅުން ޖުމްލަ 2,438 ގޯތި ދޫކުރުމަށެވެ. މީގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅީފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެއެވެ.