ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިން އެކްރެޑިޓް ކުރުމާއި ބެހޭ އައު އުސޫލެއް މޯލްޑިވްސް ބްރޯޑްކާސްޓިކް ކޮމިޝަނުން އެކުލަވާލައި އާންމުކޮށްފިއެވެ.
އެ ކޮމިޝަނުން ގެޒެޓްކުރި އިއުލާނުގައި ބުނެފައިވަނީ، ނޫސްވެރިން އެކްރެޑިޓް ކުރުމުގެ އައު އުސޫލަކީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރުއަޅައި، ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ ކަނޑައެޅުމުގެ މަގްސަދުގައި އެކުލަވާލި އުސޫލެއް ކަމަށެވެ.
އެގޮތުން މި އުސޫލުގެ ދަށުން ބްރޯޑްކާސްޓިންގެ ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލައި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ފާސްކުރުމުގެ އިތުރުން ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަކީ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށްވާން ޖެހުމަކީ ނޫސްވެރިކަމުގެ ލައިސަންސްގެ ޝަރުތެއްގެ ގޮތުގައި ކަނޑައެޅިގެން ދާނެކަމުގައި އެ އުސޫލުގައި ވަނީ ބުނެފައެވެ.
މި އުސޫލުގެ ދަށުން އެކްރެޑިޓް ކުރެވޭ ފަރާތްތަކަކީ:
އެޑިޓަރުން
ރިޕޯޓަރުން/ޖާނަލިސްޓުން
ޕްރެޒެންޓަރުން
ލިޔުންތެރިން
ކޮލަމިސްޓުން
ފޮޓޯ ޖާނަލިސްޓުން/ފޮޓޯ ގްރާފަރުން
ވީޑިއޯ ޖާނަލިސްޓުން/ވީޑިއޯ ގްރާފަރުން
އެކްރެޑިޓްކުރުމަށް ހުށަހަޅާ ފަރާތްތަކުން، ބްރޯޑްކާސްޓިން ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން އެމްކިއުއޭ ލެވެލް ތިިނެއް ފުރިހަމަކޮށްފައިވުން ނުވަތަ ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
އުސޫލުގައި ބުނާ ގޮތުން ކާޑު ދޫކުރެވޭނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް، ބްރޯޑްކާސްޓު ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް، ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް، ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވި ގޮތް، މުޒާހަރާއާއި ހަލަބޮލި ހާލަތުތައް ކަށަވަރު ކުރުމުގެ ގައިޑްލައިންގެ އިތުރުން އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިންތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަން ކުރުމަށްފަހުއެވެ.
މި ތަމްރީނުގެ ފީއަކީ 100 ރުފިޔާއެވެ. އެކްރެޑިޓެޑް ޕްރެސް ފާސްގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން ކާޑު އައުކުރުމަށް އެދި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް އުސޫލުގައިވެއެވެ.