ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް ގެނުވި އެއް ބާނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވެއްޖެއެވެ.
އާލާސްކަންފުޅު ބޮޑުވެ ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން ގެންދަވަނިކޮށް މަނިކު އަވަހާރަވީ ފަތިހުގެ ވަގުތެއްގައެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފައްޓަވައިދެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެއް ކަމަށްވާއިރު، އޭނާ އަކީ ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ތަމްސީލްކުރާ އެސޯސިއޭޝަން، މަޓީގެ ކޯ ފައުންޑަރެކެވެ. އޭނާ އެމްއޭސީއެލްގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވީ ޖޫން 2013ގައެވެ. ނަމަވެސް 2024 ވަނަ އަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެއެވެ.