ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ބައިވެރިވުމާއެކު ކުރަމުންދާ އަގުހުރި މަސައްކަތްތަކާއި، ދިވެހިންގެ މުއްސަނދި އާދަކާދަ އާއި ސަގާފަތް ދިރުވައި އާލާކުރުމަށް ކުރަމުންދާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތްތައް ގައުމީ ފެންވަރުގައި އަގުވަޒަންކުރުމަށް ހާއްސަކުރެވިގެން ”ޗާލު ދިވެހިރާއްޖެ އެވޯޑް“ ގެ ނަމުގައި އެވޯޑެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ތައާރަފްކޮށްފިއެވެ.
އެގޮތުން ދެމެހެއްޓެނިވި ތަރައްގީއަށް ހިތްވަރުދީ، އަންނަންއޮތް ޖީލުތަކަށް ”ޗާލު ދިވެހިރާއްޖެ“އެއް ވާސިލްކޮށްދިނުމަށް މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމުގެ މަގްސަތުގައި ތައާރަފްކުރި މި އެވޯޑްގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމާއި، ޒިންމާދާރު ފަތުރުވެރިކަމާއި، މުޖުތަމައު ތަރައްގީކުރުމާއި، ސަގާފަތް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށް ބާރުއެޅިގެން ދާނެކަމުގައި ޕީއެސްއެމުން ބުނެއެވެ.
މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު ހަތް ދާއިރާއަކުންނެވެ. އެއީ:
- އެންމެ ރީތި ގޮނޑުދޮށް
- އެންމެ އެކުވެރި މުޖުތަމަޢު
- ދެމެހެއްޓެނިވި ތަރައްގީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް
- ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
- ރަށު ފަތުރުވެރިކަމުގައި އެންމެ ޒިންމާދާރު ރަށް
- އެންމެ ހިތްގައިމު ރަށު މަންޒިލް
- އަހަރުގެ އެންމެ ޗާލު ރަށް
މި އެވޯޑަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށެވެ. އެޕްލިކޭޝަން ހުށަހެޅުމަށް http://psm.mv/chaalu_award މި ލިންކަށް ޒިޔާރާތްކުރުމަށް ޕީއެސްއެމްއިން ވަނީ އެދިފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.