މި ފަހަކަށް އައިސް ވަގު ސަނަދުތައް ހަދައިގެން މުހިއްމު ދާއިރާތަކުގައި މީހުން މަސައްކަތް ކުރާ މިންވަރު ގިނަވެ، ވަޒީފާތަކުގައި ތިބި މީހުންގެ ސަނަދު ވެރިފައި ކުރާވަރުވެއްޖެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމްކިއުއޭ)ގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ލީގަލް ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަކާލާތު ކުރުމުގެ ވަގު ހުއްދައެއް ހައްދައިގެން އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ކުރިމަތިލާން ހުށަހަޅާ މީހުންގެ ތެރެއިން ވަގު ތައުލީމީ ސެޓުފިކެޓުތައް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފައެވެ.
މިކަމާއި ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ފިޒާނާ ވިދާޅުވީ، ފޯޖުކޮށްފައިވާ ސަނަދެއްގެ މައްސަލަ މިދިޔަ ހަފްތާގައި އެ އޮތޯރިޓީއަށް ހުށަހަޅައިފައިވާކަމަށާއި އެ މައްސަލަ އަންނަ ހަަފުތާގައި ފުލުހަށް ހުށަހަޅާނެ ކަމަށެވެ.
އެގޮތުން މިފަދަ ވަގު ސަނަދުތަކަށް މަގުހުޅުވުނީ 2017ގައި އެމްކިއުއޭއިން ރާއްޖޭގައި ހިންގާ ކޯސްތަކުގެ ސަނަދުގައި ސްޓޭމްޕު ޖެހުން ހުއްޓާލުމާ ގުޅިގެން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެ އޮތޯރިޓީއާ މަޝްވަރާކޮށް، ގެންގުޅުން ނުރަނގަޅު އުސޫލެއްގެ ސަބަބުން ކަމުގައިވެސް ފިޒާނާ ވިދާޅުވިއެވެ.
އުލަތުގެ މުއައްސަސާތަކުގެ ނަމުގައި ވަގު ސެޓިފިކެޓާއި ލިޔުން ތައްޔާރުކުރުމަކީ ގާނޫނީ ކުށެއް ކަމަށްވާއިރު، މީގެ ދެ ހަފުތާއެއް ކުރިން އެމްކިއުއޭއިން ވަނީ، އެ އޮތޯރިޓީގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދޭ ތިން މަރުކަޒަކަށް އެކަން ހުއްޓާލަން އަންގައި ނޯޓިސް ދީފައެވެ.