ޒަކާތު ހައުސް އިން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ފެށި މި ކޮންފަރެންސްގައި އިލްމުވެރިންނާއި، ޒަކާތުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމައުގެ އިސްވެރީންބައިވެރިވެ އެފަރާތްތައް ބައިވެރިވެގެން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ދާނެކަމަށް ޒަކާތު ހައުސް އިން ހާމަކުރެއެވެ. މީގެ އިތުރުން މިއަހަރުގެ ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި، މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުންވެސް ބައިވެރިވެއެވެ. މިއަހަރުގެ ކޮންފަރެންސްގައި ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިގްތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޒަކާތު ހައުސް އިން ހާމަކުރެއެވެ.
މިފަދަ ކޮންފަރެންސްއެއްގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުން ކަމުގައި އިސްލާމިކް މިނިސްޓްރީންވެސް ބުނެއެވެ.
މިއަހަރުގެ ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާއީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. މީގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމު ތަރައްގީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މި މަހާސިންތާގައި ފުޅާކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.