ރައްޔިތުންގެ މަޖިލިހުގައި ނޫސްވެރިން ހަމަހިމޭން އިހުތިޖާޖެއް!
ޔޫޝައު ހަސަން | 19 އޯގަސްޓް 2025

މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަކަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިހުގެ އިދާރާގައި ހިމޭން އިހުތިޖާޖެއް ކުރިއަށް ގެންގޮއްސިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލިހަށް ހުށަހެޅި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ނުވަތަ މީޑިއާތައް ކޮންޓްރޯލްކުރެވޭ ބާރު ސަރުކާރަށް ލިބިދޭ ބިލަކީ މީގެ ކުރިންވެސް ހުށަހަޅައިފައިވާ ބިލެކެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމާއެކު އެ ބިލު އޭރު އަނބުރައި ގެންދިޔައެވެ.

އެ ބިލާ ދެކޮޅަށް ހަމަހިމޭން އިހުތިޖާޖެއް ކުރުމަށް, މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ގިނަ ނޫސްވެރިންތަކެއް މަޖިލީހުގެ ގެލަރީގައި ތިބި އިރު ބައެއް ނޫސްވެރިން ޕޯސްޓަރުތައް ހިފަހައްޓައިގެން އަދި ބައެއް ނޫސްވެރިން އަނގަމަތީ އަތް އަޅައިގެން ތިއްބެވެ.

އެ ބިލުގައި ވާގޮތުން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، މީޑިއާތަކުން ބްރޯޑްކާސްޓުކުރުން ހުއްޓުވޭގޮތަށް ކޮމިޝަނެއް އުފައްދާނެއެވެ. އަދި އެ ކޮމިޝަނަށް ތިން މެމްބަރުން އައްޔަން ކުރައްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ބިލާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އަދި ގިނަ އަދަދެއްގެ ނޫސްވެރިންވެސް އަންނަނީ އެ ބިލާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް