ރާއްޖޭގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ރައީސް ވެ ވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ރާއްޖޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފުރާވަޑައިގެންފިއެވެ.
އެގޮތުން މި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ 8 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެ އަތޮޅު ހިމަންދޫގެ އިތުރުން އއ. މާޅޮސް، އއ. ފެރިދޫ، އއ. މަތިވެރި، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަހަށާއި އެ އަތޮޅު ބޮޑުފޮޅަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސް އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.