މީގެ ކުރިން ޑިސެމްބަރުގައި ދެމުން އައި ދިރާސީ އަހަރުގެ ބޮޑު ބަންދު އަހަރުގެ މެދު ތެރެއަށް ބަދަލުކުރުމާއި ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތައް ގިނަވަމުން ދިއުމާއެކު ދިރާސީ އައު އަހަރުގެ ބޮޑު ޗުއްޓީ، މި އަހަރުގެ ޑިސެމްބަރު މަހު ލިބޭ ގޮތަށް ބަދަލުކޮށްފިއެވެ.
ޓޫރިޒަމްގެ ޕީކް ސީޒަން ޑިސެމްބަރާއި ބަންދު ދިމާވާކަމަށް ބުނެ ދިރާސާތަކެއް ކުރުމަށްފަހު އެ ބަންދު ޖޫން ޖުލައި އަށް ބަދަލުކުރުމުން އެދުވަސްކޮޅު ޖޫން، ޖުލައިގައި މޫސުމީ ވިއްސާރަ އާއި ދިމާވާތީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުތަނަވަސްކަން އެކަމަށް އަމާޒުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި އެކެޑަމިކް ކަލަންޑަރުގައި ވާގޮތުން، މިހާރު ކުރިއަށްދާ ދެވަނަ ޓާމު ޑިސެންބަރު 25ގައި ނިމޭނެއެވެ. އަދި އެ މަހު 28ގައި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށޭނެއެވެ.
އެއަށްފަހު ދިރާސީ އައު އަހަރު ފަށައި، ޓީޗަރުން ނުކުންނަން ޖެހޭ ދުވަހަކީ ޖެނުއަރީ މަހުގެ 25އެވެ. އަދި ދަރިވަރުން ސްކޫލަށް ނުކުންނަންޖެހޭ ދުވަހަކީ ޖެނުއަރީ 27އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީއަށް އަލުން ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.