ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމުގެ ވައުދުފުޅުގެ ތެރެއިން ބ އޭދަފުށީގައި އެ ހިދުމަތް ދޭން ފަށައިިިފިއެވެ.
ރައީސް ބ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށްޓަށް ޒިޔާރަތްކުރައްވައި އެރަށުގައި އެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިޔާތުގައި ބ. އަތޮޅު އިމިގްރޭޝަން އޮފީހުން ދޫކުރެވުނު ފުރަތަމަ ޕާސްޕޯޓު ދޫކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
އޭދަފުށީގައި މި ޚިދުމަތް ރަސްމީކޮށް ފަށައިފައިވާއިރު، މިކަމުގެ ސަބަބުން ބ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓު ހެއްދުމަށް މާލެއަށް ދަތުރުކުރުން ދެން ނިމުމަކަށް އަންނާނެއެވެ. އަދި ޚިދުމަތްތައް ހޯދުމުގައި އިތުރަށް ލުއި ފަސޭހަވެގެން ދާނެކަމުގައިވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.