ބ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މިއަދު ހެނދުނު އެ އަތޮޅަށް ފުރާވަޑައިގެންފިއެވެ.
އެގޮތުން 4 ދުވަހުގެ މުައްދަތަކަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން ކުރިއަށް ދާނެ ކަމުގައި ރައީސް އޮފީހުން މައުލޫމާތު ދެެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވައިފައިވާ ނިންމެވުމުގެ ދަށުން ބ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ޖުމުލަ 13 ރަށަކަށް ޒިޔާރަތްކުރައްވާނެ ކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.