ރާއްޖެ ރިޒޯޓު ލީގު – ސީދާ ތިން ސެޓުން ލަކްސް ބަލިކޮށް ވިލަމެންދޫން ސެމީއަށް!
ޔޫޝައު ހަސަން | 08 އޯގަސްޓް 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ފަހު ޒޯން ބުރުގެ ނުވަ ވަނަ މެޗްގައި ސީދާ ތިން ސެޓުން ލަކްސް ބަލިކޮށް މުބާރާތުގެ ސެމީ މެޗުގެ ޖާގައެއް ވިލަމެންދޫން ހޯދައިފިއެވެ.

ލީގު އުސޫލުން ކުރިއަށް ދާ މި ބުރުގެ ކޮންރޯޑާއި އެކު ބައްދަލު ކުރި މެޗުން ވިލަމެންދޫ ވަނީ ބަލިވެފައެވެ. ވުމާއެކު އެ ޓީމަށް ސީދާ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރެވޭނީ ލީގު ފަހު މެޗްގައި ކޮންރޯޑާއި ޑަބްލިޔު މޯލްޑިވްސް ބައްދަލު ކުރާ މެޗްގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

މުބާރާތުގެ ފޯމެޓް އޮތް ގޮތުން ލީގު ބުރުގެ އެއްވަނަ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާ އިރު، ފައިނަލްގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަނޑައަޅާނީ 2 ވަނަ އަދި 3 ވަނަ ޓީމުގެ މެދުގައި ސެމީއެއް ކުޅެގެންނެވެ.

ލަކްސްއާއި ދެކޮޅަށް ވިލަމެންދޫއިން ސީދާ ތިން ސެޓުން މޮޅުވެފައިވާއިރު މެޗްގެ ފުރަތަމަ ސެޓް އެ ޓިމުން ކާމިޔާބުކުރީ 25 – 13 އިންނެވެ. އެހެން ނަމަވެސް ޖެހިގެން އައި ސެޓްގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ހަމަހަމަ ކުޅުމެއް ވަނީ ފެނިގެން ގޮއްސައެވެ. ސެޓްގެ ފަހުކޮޅުގައި ރަނގަޅު ޕޮއިންޓްތަކެއް ހޯދައި އެ ސެޓް 28 – 26 އިން ކާމިޔާބުކޮށް ޖެހިގެން އައި ފަހު ސެޓްވެސް 25 – 20 އިން ނަގައި ވިލަމެންދޫން ވަނީ މެޗް ކާމިޔާބުކޮށްފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލަމެންދޫގެ ޖަރސީ ނަމްބަރު 9 އަހްމަދު ނާސިހުއެވެ.

ހަމައެކަނި ރިޒޯޓް މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުޅޭ މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އދ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.

 

ގުޅުންހުރި ލިޔުންތައް