ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގުގެ ހަ ވަނަ މެޗްގައި ލިލީ ބީޗް ސީދާ ތިން ސެޓުން ބަލިކޮށް ލަކްސް މޯލްޑިވްސް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މި މެޗްގެ ފުރަތަމަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން 28 – 26 ގެ ހަނި ފަރަގަކުން އެ ސެޓް ލަކްސްއިންނެވެ.
ޖެހިގެން އައި ދެ ސެޓް އެޓީމުން ކާމިޔާބު ކުރީ ފަރަގު ބޮޑުކޮށެވެ. އެއީ، 25-12 އަދި 25-18 އެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ލަކްސް މޯލްޑިވްސްގެ 12 އިބްރާހިމް އަރުޝަދެވެ.
މުބާރާތުގެ ލިލީ ބީޗުން ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ އެ ޓީމު ބަލިވެފައެވެ. އެއީ ޑަބްލިޔު މޯލްޑިވްސް އަދި ކޮންރޯޑް އަތުންނެވެ.
ހަމައެކަނި ރިޒޯޓް މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުޅޭ މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:
- ދެކުނު މާލެ ލީގު
- އުތުރު މާލެ ލީގު
- ބ. ލީގު
- އދ. ލީގު
މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.