ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގުގެ ހަތަރު ވަނަ މެޗްގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު ކޮންރޯޑުން 3 ސެޓް 1 ސެޓުން ވިލަމެންދޫ ބަލިކޮށްފިއެވެ. ދާދި ހަމަހަމަކޮށް ދިޔަ މި މެޗްގެ ފުރަތަމަ ސެޓް 28 – 26 އިން ކާމިޔާބުކުރީ ކޮންރޯޑެވެ. އަދި ދެވަނަ ސެޓްވެސް 25 – 21 އިން އެޓީމު ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އަދި ތިން ވަނަ ސެޓްގައި އައު ހިތްވަރެއް ލައި އެ ސެޓް 25 – 19 އިން ވިލަމެންދޫ ކާމިޔާބު ކުރިއެވެ. އެހެން ނަމަވެސް ފަހު ސެޓްގެ ކުޅުން ރަނގަޅުކޮށް އެ ސެޓް 25 -20 އިން ކާމިޔާބުކޮށް މެޗުން މޮޅުވެފައި ވަނީ ކޮންރޯޑް މޯލްޑިވްސްއެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ކޮންރޯޑް މޯލްޑިވްސްގެ ޖަރސީ ނަމްބަރު 10 އިބްރާހިމް ޝިނާން މުހައްމަދެވެ.
ހަމައެކަނި ރިޒޯޓް މުވައްޒަފުންނަށް ބައިވެރިވެވޭގޮތަށް ކުޅޭ މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:
- ދެކުނު މާލެ ލީގު
- އުތުރު މާލެ ލީގު
- ބ. ލީގު
- އދ. ލީގު
މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.