އޮޅުހިޔާގެ ޖާގަ އިތުރުކޮށް ބުޅާތައް ނަގަންފަށައިފި
ޔޫޝައު ހަސަން | 03 އޯގަސްޓް 2025

މާލެ ސަރަހައްދު މަގުތައް މަތީގައި ގިނަ ވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އިމާރާތްކޮށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ހަވާލުކުރި އޮޅު ހިޔާ ފެސިލިޓީގެ ޖާގަ އިތުރުކޮށް އަނެއްކާވެސް އެތަނަށް ބުޅާ ނަގަން ފަށައިފިއެވެ.

އެންމެ ފުރަތަމަ އެ ފެސިލިޓީއާއި ހަވާލުވި ފަހުން އެ އެތަނަށް ނެގީ 15 ބުޅަލެވެ. އެއަށް ފަހު 30 ބުޅާ އަނެއްކާވެސް ނެގި ނަމަވެސް ތަނުގެ ޖާގަ އެވަރަށް ނެތުމުން އިތުރަށް ބުޅާ ނެގުމުގެ މަސައްކަތް މަޑު ޖެހިފައި އޮތް ކަމުގައި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އޭރު ހާމަކުރިއެވެ.

އެހެން ނަމަވެސް އަނެއްކާވެސް ބުޅަލުގެ އުނދަގޫ ބޮޑުވެ އާންމުގެ ޝަކުވާތައް އިތުރުވެފައި އަނިކޮށް އެ ވުޒާރާއިން ހާމަކުރި ގޮތުގައި އެކި ފަހަރުމަތިން އޮޅުހިޔާގެ ޖާގަ އިތުރުކުރަމުން ގޮސް، މިހާރު 100 ބުޅާ އެއްފަހަރާ ކަރަންޓީން ކުރެވޭނެ ޖާގަ ތައްޔާރުކޮށް ބުޅާ ނެގުމުގެ މަސައްކަތް ފަށައިފައިވާކަމަށެވެ. އެހެން ނަމަވެސް ވިއްސާރަ ވުމުގެ ސަބަބުން އެ މަސައްކަތަށް މަޑުޖެހުމެއް އައި ނަމަވެސް އެހިސާބަށް 28 ބުޅާ ފެސިލިޓީގެ ބެލުމުގެ ދަށަށް ނަގައި ޖުމުލަ 75 ބުޅާ ފެސިލިޓީގައި ތިބިކަމަށެވެ. އަދި އަލުން ބުޅާ ނެގުގެ މަސައްކަތް އިއްޔެ ފަށައިގެން  މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި މރޭ ހުޅުމާލޭގެ އެކި ސަރަހައްދުން 37 ބުޅާ ފެސިލިޓީއަށް ނަގާފައިވާކަމަށާއި އެއާއެކު މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112 ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ވުޒާރާއިން އިތުރަށް ބުނީ މޫސުމްތަންދޭ މިންވަރަކުން އިތުރު ބުޅާތައް ނެގުމުގެ މަސައްކަތް ކުރަމުންދާނެކަމަށާއި، އެއާއެކު ކަރަންޓީން މަރުހަލާ ނިންމައި، ކޮށިތަކުގައި ބުޅަލަށް އަޅާލަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް