ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގެ ތިންވަނަ ބުރު ބ ޒޯންގެ ޗެމްޕިއަންކަން ޖޯލި ބީންގް ހޯދައިފިއެވެ.
އިއްޔެ ކުރިއަށް ދިޔަ ފައިނަލް މެޗްގައި ޖޯލި ބީންގް ޗެމްޕިއަންކަން ހޯދައިފައި ވަނީ ފައިނަލްގައި ޖޯލި މޯލްޑިވްސް 1 ސެޓް ގެނެސްފައި ވަނިކޮށް ފަހަތުން އަރައި ޖެހިގެން އައި 3 ސެޓް ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗް އެޓީމުން ކާމިޔާބުކޮށްފައި ވަނީ، 18-25، 25-23 ، 25-22 އަދި 25-20 އިންނެވެ.
ޖުމުލަ 4 ޓީމެއް ވާދަކުރި މި ޒޯންގެ ފައިނަލަށް ޖޯލި ބީންގް ދަތުރުކުރީ ލީގު ބުރުގެ ހުރިހާ މެޗަކުން މޮޅުވެ ތާވަލްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޖޯލި މޯލްޑިވްސް ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމު ކުޅުނު ސެމީގައި އަމިއްލަ މޯލްޑިވްސްއާއި ދެކޮޅަށް ކުޅެ މެޗް ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަ ވަނަ އަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް އިނާމު ހަވާލުކޮށްފައިވާިއރު މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ، ޖޯލި މޯލްޑިވްސްގެ ސައީދު މޫސާގެ އިތުރުން އެޓީމުގެ އަކްރަމް އަބްދުﷲ އަދި އިބްރާހީމް ސަނީމްއާއި ޖޯލި ބީންގެ އިޔާން އަލީގެ އިތުރުން މަހޭޝް އަދި އަމިއްލަ މޯލްޑިވްސްގެ ސަންޖޫއެވެ. މުބާރާތުގެ އެންމެ މޮޅު ލިބެރޯއަކީ ޖޯލި ބީންގެ އިސްމާއީލް ރަޝީދެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކީ ޖޯލި ބީންގެ ގެ ހަސަން ޒައީމެވެ. އެންމެ މޮޅު ކޯޗަކަށް ޖޯލި ބީންގެ މުހައްމަދު ޝަރަފް ހޮވުނު އިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީންގެ މަހޭޝްއެވެ.

ރާއްޖެ ރިޒޯޓް ލީގުގެ ބ ޒޯންގެ ޑްރީމް ޓީމު – ފޮޓޯ/ ޑިޖިޓަލްސްޓޫޑިއޯ
މި ނަތީޖާއާއެކު ރާއްޖެ ރިޒޯޓު ލީގުގެ ފައިނަލް ބުރަށް ބ ޒޯނުން ކޮލިފައިވެފައި ވަނީ ޖޯލި ބީންގްއެވެ.
މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:
- ދެކުނު މާލެ ލީގު
- އުތުރު މާލެ ލީގު
- ބ. ލީގު
- އއ. ލީގު
މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.