ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގެ ތިންވަނަ ބުރު ބ ޒޯންގެ ތިން ވަނަ މެޗްގައި އަމިއްލަ މޯލްޑިވްސްގެ މައްޗަށް 3 ސެޓް 1 ސެޓުން ޖޯލި މޯލްޑިވްސް ކުރި ހޯދައިފިއެވެ.
އަމިއްލަ މޯލްޑިވްސްގައި ކުރިއަށް ދާ މި މުބާރާތުގެ 3 ވަނަ މެޗް ޖޯލި މޯލްޑިވްސް އިން ކާމިޔާބުކުރީ 22-25، 25-17، 25-14، 25-21 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޖޯލި މޯލްޑިވްސްގެ ޖަރސީ ނަމްބަރު 14 ސައީދު މޫސާއެވެ.
މުބާރާތުގެ ބ ޒޯންގައި ޖުމުލަ 4 ޓީމަކުން ވާދަކުރާ އިރު އެ ޓީމުތަކަކީ އަމިއްލަ މޯލްޑިވްސްގެ އިތުރުން ޖޯލި މޯލްޑިވްސް ޖޯލި ބީންގް އަދި މިލައިދޫ މޯލްޑިވްސްއެވެ.
މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:
- ދެކުނު މާލެ ލީގު
- އުތުރު މާލެ ލީގު
- ބ. ލީގު
- އއ. ލީގު
މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.